ކީ ސްޓޭޖް 3 އަށް ހާއްސަކޮށްގެން ނޭޝަނަލް އެސެސްމެންޓް ފޮ ލާނިން އައުޓްކަމްސް (ނާލޯ) އައިޓަމް ޑިވެލޮޕްމަންޓް ވޯކްޝޮޕެއް އިއްޔެ ފަށައިފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ، މި ވޯކްޝޮޕްގައި ރާއްޖޭގެ އެކި ސްކޫލުތަކުން 30 ޓީޗަރުން ބައިވެރިވާ ކަމަށާއި އޭގެ ތެރޭގައި ސައިންސް، އިނގިރޭސި ބަސް އަދި ހިސާބު މާއްދާ ކިޔަވައިދޭ ޓީޗަރުން ހިމެނޭ ކަމަށެވެ. މީގެ އިތުރުން މި ވޯކްޝޮޕްގައި ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަންގެ 12 މުވައްޒަފުންނާއި ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓްގެ ތިން މުވަޒަފުންނާއެކު، ޖުމްލަ 45 މީހުން ބައިވެރިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

8 ދުވަހުގެ މި ވޯކްޝޮޕް ކުރިއަށް ގެންދަނީ ދެ ބަޔަކަށް ބަހާލައިގެން ކަމަށް ވާ އިރު، ފުރަތަމަ ބައިގައި ވޯކްޝޮޕްގެ ބައިވެރިން ހަތަރު ދުވަހުގެ ޓްރެއިނިން ސެޝަންތަކެއް ފުރިހަމަ ކުރާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މި ސެޝަންތައް ކުރިއަށް ގެންދަނީ ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް އެންޑް އެސެސްމަންޓްގެ ކޮންސަލްޓަންޓުންނެވެ. އެއަށް ފަހު އެކި މާއްދާތަކަށް ކިޔަވައިދޭ ޓީޗަރުން ގުޅިގެން ކީ ސްޓޭޖް 3 ގެ ނާލޯއަށް ބޭނުންވާ އައިޓަމްތައް ތައްޔާރު ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

ނާލޯ އަކީ ދިވެހިރާއްޖޭގެ ތައުލީމީ ނިޒާމުގެ ހާލަތާއި، ސްކޫލުތަކުގައި ތަންފީޒު ކުރަމުން އަންނަ ގައުމީ މަންހަޖުގައި ހުރި ރަނގަޅު ކަންކަމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަނެ، ދަރިވަރުންނަށް ފޯރުކޮށްދެވޭ ތައުލީމުގެ ފެންވަރު އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އަދި ކީ ސްޓޭޖް 1 އަދި 2 ފުރިހަމަ ކުރާ ދަރިވަރުންނަށް ގައުމީ މަންހަޖުގައި ކަނޑައެޅިފައިވާ މިންވަރަށް ދިވެހި ބަހާއި އިނގިރޭސި ބަހާއި ހިސާބު އިލްމު ހާސިލުވެފައިވޭތޯ ބެލުމަށް، ކޮންމެ ތިން އަހަރުން އެއް އަހަރު ނާލޯ މެދުވެރިކޮށް ޓެސްޓްކޮށް، އެ ޓެސްޓްގެ ނަތީޖާ އިވެލުއޭޓް ކުރާނެއެވެ. އެއަށްފަހު މި އިވެލުއޭޝަންގެ މައްޗަށް ބިނާކޮށް އުނގެނުމާއި އުނގަންނައިދިނުން އިތުރަށް ހަރުދަނާ ކުރުމަށް ސްކޫލް ލެވެލްގައި ގެންނަންޖެހޭ ބަދަލުތައް ގެނެއުމުގެ މަސައްކަތް ކުރާނެއެވެ.

އިއްޔެ ފެށި މި ވޯކްޝޮޕަކީ އެޑިއުކޭޝަން މިނިސްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމަންޓާއި ވޯލްޑް ބޭންކްގެ އެހީގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި ގާއިމުކޮށްފައިވާ އެޓޯލް އެޑިއުކޭޝަން ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އޭއީޑީޕީ) ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.