ގާނޫނާ ހިލާފަށް ރާއްޖެ އެތެރެކުރި ގިނަ އަދަދެއްގެ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ރާއްޖެއަށް ސިއްްރުން ސިނގިރޭޓްތަކެއް އެތެރެކުރި ކަމުގެ ތުހުމަތުގައި ކޯތު އަމުރެއްގެ ދަށުން މި މަހުގެ 24 ވަނަ ދުވަހު ހުޅޫމާލޭގެ ތަނެއް އަދި މި މަހުގެ 26 ވަނަ ދުވަހު ހުޅުމާލެ އާއި މާލޭ ހިމެނެ ހެން 4 ތަނެއް ބަލައި ފާސްކޮށްފައިވާ ކަަމަށެވެ. މި އޮޕަރޭޝަންގައި 173 ކާޓަންގެ ސިނގިރޭޓް އަތުލައިގެންފައިވާ ކަމަށާއި މި ތަކެތީގެ ލަފާ ކުރެވޭ މާކެޓް އަގަކީ 1،600،596 ރުފިޔާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އަތުލައިގެން މި ތަކެއްޗަށް އިމްޕޯޓް ޑިއުޓީ ދައްކަން ޖެހޭ ކަމަށާއި އިމްޕޯޓް ޑިއުޓީގެ ގިތޔގައި 5.6 މިލިއަން ރުފިޔާ ދައްކަން ޖެހޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އަދި މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައި ވަނީ ފުލުހުންނާއި އެމްއެންޑިއެފްގެ އެހީތެރިކަމާ އެކުގައި ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.

ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެފައި ވަނީ ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑާ ޕްރޮފައިލްއަށް ބިނާކޮށް މުދަލުގެ ލިޔެކިޔުންތަކާއި މުދާ ބަލައި ފާސްކުރާ ގޮތަށް ކަމަށް ކަސްޓަމްސް އިން ބުނެއެވެ. އެގޮތުން ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ގަވައިދާ ހިލާފް މުދާ ކަމަށް ޝައްކު ކުރެވޭ ހާލަތުގައި މުދާ ކްލިއާ ކުރުމަށް ފުރުސަތު ދިން ނަމަވެސް އެ ތަކެތި ގެންދާ ތަނެއް ހޯދުމަށް ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަންތައް ކުރިއަށް ގެންދާ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.

އަދި މިގޮތަށް ހިންގޭ އޮޕަރޭޝަންތަކުގެ ތެރެއިން މިފަދަ މުދާ ގެންގޮސް ވައްދާ ތަންތަން ބަލައި ފާސްކޮށް އެތަކެތި ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވޭ ކަމަށް ކަސްޓަމްސް އިން ބުނެއެވެ. މި ގޮތަށް އެތެރެކޮށް މުދާ ބޭރުކުރާ މީހުންގެ މައްސަލަތައް ތަހުގީގުކޮށް ކުރިއަށް އޮތް ތަނުގައި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށް ވެސް ކަސްޓަމްސް އިން ބުނެއެވެ.