އުރީދޫ މޯލްޑިވްސް އިން އާއި ފްރީޑައިވިން އިންސްޓްރަކްޓަރސް އިންޓަނޭޝަނަލް (އެފްއައިއައި) ގުޅިގެން ރާއްޖޭގައި ކުރިއަރަމުން އަންނަ ފްރީޑައިވިން ކޮމިއުނިޓީއަށް ހާއްސަ ހަރަކާތެއް އިއުލާނު ކޮށްފިއެވެ.

އުރީދޫ އިން ބުނީ، "ސޭފް ބިނީތް ދަ ސާފޭސް: ފްރީޑައިވިން ސޭފްޓީ ސެޝަން ވިތް އަ ވޯލްޑް ޗެމްޕިއަން" ގެ ނަމުގައި ކުރިއަށް ގެންދާ މި މުހިންމު ސެޝަންގެ މަގްސަދަކީ ޑައިވް ކުރާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރު ކުރުމަށާއި ހާދިސާތަކުން ސަލާމަތްވުމަށް އެހީތެރިވެދިނުމާއި ބެސްޓް ޕްރެކްޓިސްތައް ޕްރޮމޯޓް ކުރުން ކަމަށެވެ. މި ސެޝަން އޮންނާނީ އަންނަ މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:00 ގައި ހުޅުމާލޭގައި ހުންނަ އުރީދޫ މޯލްޑިވްސް ހެޑްކުއާޓަާސްގައެވެ.

މި ސެޝަންގައި އިސްކޮށް ހަރަކާތްތެރިވާނީ އެފްއައިއައިގެ މަޝްހޫރު ދެ ސްޕީކަރުން ކަމަށްވާ އެމެރިކާގެ ފުރަތަމަ އަދި ހަމައެކަނި ރެކްރިއޭޝަނަލް ފްރީޑައިވިން އެޑިއުކޭޝަން އެޖެންސީން ކަމަށް އުރީދޫން ބުނެއެވެ. މި ސެޝަން ގެނެސްދެނީ 13 ފަހަރު ވޯލްޑް ރެކޯޑް ހޯދި ފްރީޑައިވަރު މާޓިން ސްޓެޕަނެކް އާއި ދުނިޔޭގެ މަޝްހޫރު ފްރީ ޑައިވިން އިންސްޓްރަކްޓަރު އެރޯލް ޕުޓިގްނާ ކަމަށް ވެސް އުރީދޫން ބުނެއެވެ.

މާޓިން ސްޓެޕަނެކް އަކީ 13 ފަހަރު ވޯލްޑް ރެކޯޑް ހަދާފައިވާ ފްރީޑައިވަރެއްގެ އިތުރުން މިކުޅިވަރުގެ ތާރީހުގައި އުފެދުނު މޮޅު ފްރީޑައިވަރުންގެ ތެރޭގައި ހިމެނޭ އެކަކެވެ. އޭނާ ވަނީ އެއް ނޭވާގައި 400 ފޫޓަށް ވުރެ އަޑިއަށް ފީނާފައެވެ. މާޓިން އަކީ ފްރީޑައިވިންގެ ފަހަތުގައިވާ ފިޒިއޮލޮޖީއަށް ޝައުގުވެރިވާ އަދި ހާވާޑް ޔުނިވާސިޓީ އާއި ސްވިޑެންގެ ކަރޮލިންސްކާ އިންސްޓިޓިއުޓްގެ އިސް ސައިންސްވެރިންނާ ގުޅިގެން މި ކުޅިވަރުގެ ފަހަތުގައިވާ ބައެއް ފިޒިއޮލޮޖިކަލް ސިއްރުތައް ހޯދުމަށް މަސައްކަތް ކޮށްފައިވާ މީހެކެވެ. މިހާރު ކުރިއަށްދާ މި ދިރާސާގައި އޭނާގެ ބައިވެރިވުމުގެ ސަބަބުން ސައިންސްވެރިންނަށް ފްރީޑައިވަރުންނަށް ކަނޑުގެ އަޑީގެ ޕްރެޝަރުގައި ދިމާވާ ކަންކަން ރަނގަޅަށް ދެނެގަނެވޭނެ އެވެ.

"އުރީދޫ މޯލްޑިވްސް އިން އަޅުގަނޑުމެންނަށް ޝުކުރު ދަންނަވަން، އަޅުގަނޑުމެންގެ ވިސްނުން ތައް ހިއްސާކޮށް، މިރީތި ރާއްޖޭގައި ސޭފް ފްރީޑައިވިން ޕްރެކްޓިސްތައް ކުރިއެރުވުމަށް އެހީތެރިކަން ފޯރުކޮށްދެއްވި ކަމަށްޓަކައި."
މާޓިން ސްޓެޕަނެކް

ހަމައެއާއެކު މި ސެޝަން ގެނެ ދޭ ދެވަނަ ފަރާތް ކަމަށް ވާ، އެރޯލް ޕުޓިގްނާ އަކީ ކެނެޑާގެ ޓޮރޮންޓޯގެ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފްރީޑައިވިން އިންސްޓްރަކްޓަރެކެވެ. އެރޯލް އަކީ ކުޑައިރުއްސުރެ ފްރީޑައިވިންގެ ދުނިޔޭގައި އުޅެމުން އަންނަ ފަރާތެކެވެ. އޭނާ އަކީ އެފްއައިއައިގައި މާޓިން ސްޓެޕަނެކްއާ އެކު ވަރަށް ގާތުން މަސައްކަތް ކުރާ އަދި ސްޓެޕަނެކާއެކު އެފްއައިއައިގެ ޖޫނިއާ ފްރީޑައިވާ ޕްރޮގްރާމް ފަދަ ކަރިކިއުލަމް ޑިވެލޮޕް ކުރުމަށް އެހީތެރިވެދީ، ދުނިޔޭގެ އެންމެ ޑިމާންޑް ބޮޑު ފްރީޑައިވިން އިންސްޓްރަކްޓަރުންގެ ތެރޭގައި ހިމެނޭ އިންސްޓްރަކްޓަރެކެވެ. އޭނާ ކިޔަވައިދެނީ އެމެރިކާ، ބަހާމާސް، ޕުއެޓޯ ރިކޯ، ސްޕެއިން އަދި ގަތަރުގެ އެކި ކަންކޮޅުތަކުގައި ރިކްރިއޭޝަނަލް ލެވެލް އަދި ޕްރޮފެޝަނަލް ލެވެލް ސެޓްފިކޭޝަން ކޯސްތަކެވެ.

އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ޚާލިދު އަލް ހަމާދީ ވިދާޅުވީ، އުރީދޫ މޯލްޑިވްސްގައި މުޖުތަމައުތަކުގެ ތެރޭގައި ސަލާމަތާއި ރައްކާތެރިކަން ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް އެއްބާރުލުން ދޭނެ ކަމަށެވެ. މި ފްރީޑައިވިން ސޭފްޓީ ސެޝަނަކީ، ރާއްޖޭގައި ކުރިއަރަމުން އަންނަ ފްރީޑައިވަރުންގެ މުޖުތަމައަށް، ރައްކާތެރިކަމުގެ އެންމެ މަތީ މިންގަނޑުތަކާއެކު، އެމީހުންގެ ޝައުގުވެރިކަން ކުރިއަށް ގެންދެވޭނެ މަގު ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެފްއައިއައިއާ ގުޅިގެން ދުނިޔޭގެ ފެންވަރުގެ ތަޖުރިބާ ރާއްޖެއަށް ގެނައުމަކީ އެ ކުންފުންޏަށް ލިވޭ ފަހުރެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެފްއައިއައިގެ ފައުންޑާ މާޓިން ސްޓެޕަނެކް ވިދާޅުވީ، ފްރީޑައިވިން އަކީ ހަމައެކަނި ޖިސްމާނީ އަދި ނަފްސާނީ ހަރުދަނާކަމެއް ނޫން ކަމަށާއި ސަލާމަތީ ކަންކަމާ މެދު ވަރަށް ބޮޑަށް ވިސްނަން ޖެހޭ ވަރަށް ރީތި އަދި ޗެލެންޖިން ކުޅިވަރެއް ކަމަށެވެ. މި ހަރަކާތުގެ ޒަރިއްޔާއިން އަޅުގަނޑުމެންގެ އަމާޒަކީ، ދިވެހި ފްރީޑައިވިން ކޮމިއުނިޓީއަށް ރައްކާތެރިކަމާއި ޔަގީންކަމާއެކު ޑައިވްކުރުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު އިތުރަށް ތަނަވަސްކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.