ޖަލަށް ފޯނާއި މަސްތުވާތަކެތި ވައްދާ، ފައިސާގެ ގިނަ މުއާމަލާތްތަކާ ގުޅޭ މައްސަލާގައި ކަރެކްޝަންސްގެ 13 މުވައްޒަފުން ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މި 13 މީހުންގެ ތެރެއިން 9 މީހުން ހައްޔަރުކޮށްފައި ވަނީ މާފުށިން ކަމަށެވެ. ކާށިދޫއިން 2 މީހުން ހައްޔަރުކޮށްފައި ވާއިރު އުތީމުން މީހަކު އަދި މާލެއިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ޖަލުން ފޯނާއި މަސްތުވާތަކެތި ފެންނަ މައްސަލައިގައި މީގެ 3 މަހެއްހާ ދުވަސް ކުރިން ތަހުގީގެއްގެއް ހިންގަން ފަށާފައިވާ ކަމަށާއި މި މައްސަލައިގައި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ވިދާޅުވެފައެވެ. ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ ތަހުގީގަށް އެކަން ފާހަގަވުމާއެކު ހާއްސަ އޮޕަރޭޝަންއެއް ހިންގަމުން ގެންދާ ކަމަށެވެ.

ރޭގެ ޕްރެސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވީ, މިހާތަނަށް ބެލިބެލުމުން 18 މުވައްޒަފެއްގެ އެކައުންޓުގައި 73,600,000ރ. ޖަމާވެފައި ހުރި ކަމަށެވެ. އަދި މާފުށީ ޖަލުގައި އޮޕަރޭޝަން ކުރިއަށް ދާ އިރު ރޭ ބައެއް މުވައްޒަފުން ހައްޔަރު ކޮށްފައި ވާ ކަމަށް ވިދާޅުވިއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ދާ އިރު މި މުވައްޒަފުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރި ފަރާތްތައް ވެސް ދެނެގަންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެ ފަރާތްތަކުގެ އެކައުންޓަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރި އިރު, 73 މިލިއަނަކީ 2023 ގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖަމާވެފައި ހުރި ފައިސާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މި މައްސަލާގައި ހިމެނޭ ހުރިހާ ފަރާތްތަކާ ގުޅޭ މައްސަލަ ތަހުގީގު ކޮށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި, މި ޖަރީމާގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން 6 މީހަކު މީގެ ކުރިން ވަޒީފާއިން ވަކިވެގެން ގޮސްފައި ވާ ކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެ 6 މީހުންގެ މައްސަލަވެސް ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.