ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ މަސައްކަތުގައި ސްޓެލްކޯގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށްޓަކައި ގިނަ ފިޔަވަޅުތަކެއް އެޅުމަށް ނިންމަވާފައިވާކަން ރައީސް މުއިއްޒު ވަނީ ހާމަކުރައްވާފައެވެ.

ރައީސް މުއިއްޒުގެ އެ ނިންމެވުމަށް ފުރިހަމައަށް ތާއީދުކުރާކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ ދިވެހިރާއްޖެއަކީ އަރަނިވެރި، ތިޔާގި އަދި މާލީ ބުރަތަކަށް ވިލުންވެރި ގައުމަކަށް ހެއްދެވުމަށް ރައީސް އަޅުއްވާ ފިޔަވަޅުތައް ތަންފީޒުކުރުމުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ކުރެވޭ މަސައްކަތުގައި ދައުލަތުގެ ކުންފުންޏެއްގެ ހައިސިއްޔަތުން ސްޓެލްކޯއިން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެމުންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވެވިއެވެ.

ފަހުމީ އިތުރަށް ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ލާބައާއި މަންފާއަށް އަދި ކުރިއެރުމަށް ކުރަމުން ގެންދާ މަސައްކަތުގައި ދާދި އަވަހަށް ކުލަޖެހިގެންދާނެ ކަމުގެ ފުރިހަމަ ޔަގީންކަން އޮތް ކަމަށެވެ.

ސަރުކާރުގެ ރިކަރަންޓް ހަރަދު ކުޑަކުރުމަށް އަޅާ ފިޔަވަޅުތަކުގެ ތެރޭގައި ސިޔާސީ މަގާމުތަކުގެ އަދަދު މަދުކުރުމާއި، އެކި މުނާސަބަތުތަކުގައި ބާއްވާ ހަފްލާތަކަށް ކުރާ ހަރަދުތައް ކުޑަކުރުން ނުވަތަ ނުބޭއްވުން ހިމެނޭ ކަމަށް ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

އެގޮތުން ކުރިޔަށް އޮތް މިނިވަން ދުވަހަށް ފުޅަނދު ބުރާއި، ކުޅިވަރުތަކާއި ރިސެޕްޝަން ފަދަ ކަންކަން ނުބޭއްވުމަށާއި، ހަމައެކަނި މިނިވަން ދުވަސް ފާހަގަކުރުމަށް ޖަލްސާއެއް ބާއްވާ، ހަރަދުތައް އެތައް ގުނައަކުން ކުޑަކުރުމަށް ކަމާބެހޭ ފަރާތްތަކަށް އަންގަވާފައިވާ ކަމަށް ރައީސް ވިދާޅުވެފައިވެއެވެ.