ޔުނިފޯމް އެޅި އިދާރާތަކުގެ ތެރެއިން ކަރެކްޝަންސްގެ ބޮޑު މައްސަލައެއް ހޯމް މިނިސްޓަރު އަލީ އިހުސާން މިރޭ ހާމަ ކުރައްވައިފިއެވެ.

އޭނާ ވިދާޅުވީ, ޖަލުން ފޯނާއި މަސްތުވާތަކެތި ފެންނަ މައްސަލައިގައި 3 މަހެއްހާ ދުވަސް ކުރިން ހިންގަން ފެށި ތަހުގީގެއްގައި ކަރެކްޝަންސްގެ އޮފިސަރުން ބައިވެރިވެފައި ވާ ކަމަށެވެ.

އެ ތަހުގީގަށް ފާހަގަވި ކަންކަން އިއްޔެ ލިބިވަޑައިގަތުމާއެކު މިއަދު [މިހާރު] ހާއްސަ އޮޕަރޭޝަނެއް ހިންގަމުން ގެންދަވާ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.

"ޖަލުގެ އޮފިސަރުން ބައިވެރިވެގެން މަސްތުވާތަކެއްޗާއި ފޯނު ވައްދާކަމަށް ޝައްކުކުރެވިގެން މިރޭ އޮޕަރޭޝަން ހިންގަމުން އެ ދަނީ"
އިހުސާން

މިރޭގެ ޕްރެސްގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އަބްދުالله ޝަރީފު ވިދާޅުވީ, މިހާތަނަށް ބެލިބެލުމުން 18 މުވައްޒަފުންގެ އެކައުންޓުގައި 73,600,000ރ. ޖަމާވެފައި ހުރި ކަމަށެވެ.

"ބައެއް މުވައްޒަފުންގެ އެކައުންޓުގައި 24 މިލިއަން ރުފިޔާ އެބަހުރި"
އަބްދުالله ޝަރީފް

އެ ފަރާތްތަކުގެ އެކައުންޓަށް އާދަޔާ ހިލާފަށް ފައިސާ ޖަމާވެފައި ހުރި އިރު, 73 މިލިއަނަކީ 2023 ގެ ޖެނުއަރީން ފެށިގެން މިހާތަނަށް ޖަމާވެފައި ހުރި ފައިސާކަން ވެސް އެނގިފައިވާ ކަމަށެވެ.

"މިހާތަނަށް ބެލިބެލުމުން އެނގިފައިވަނީ, އެފައިސާ ޖަމާވެފައި ހުރި މިހާރުވެސް އަދި ކުރިންވެސް ޖަލުގައި ތިބި ބައެއް މީހުންގެ އެކައުންޓްތަކުގައި ހުރި ފައިސާއިންނާއި އަދި ކުށުގެ މާހައުލުގައި ހަރަކާތްތެރިވާ ފަރާތްތަކުން މި މުވައްޒަފުންގެ އެކައުންޓުތަކަށް ފައިސާ ޖަމާކޮށްފައި ހުރިކަން"
އަބްދުالله ޝަރީފް

އޭނާ ވިދާޅުވީ މިވަގުތު މާފުށީ ޖަލުގައި އޮޕަރޭޝަން ކުރިއަށް ދާ އިރު މިހާރު ބައެއް މުވައްޒަފުން ހައްޔަރު ކޮށްފައި ވާ ކަމަށެވެ. އަދި މިމައްސަލަ ތަހުގީގު ކުރަމުން ދާ އިރު މި މުވައްޒަފުންގެ އެކައުންޓްތަކަށް ފައިސާ ޖަމާކުރި ފަރާތްތައްވެސް ދެނެގަންނާނެ ކަމަށް ޝަރީފު ވިދާޅުވިއެވެ.

އިތުރަށް އިހުސާން ވިދާޅުވީ, ޔުނިފޯމް މުވައްޒަފުންނަށް ރިޝްވަތު ހުށަހެޅުމަކީވެސް ކުށަކަށް ވާއިރު ރިޝްވަތު ހިފި މީހުންވެސް ކޮށްފައި ވަނީ ކުށެއް ކަމަށެވެ.

އޭނާ ވިދާޅުވީ, ހުރިހާ ފަރާތްތަކާ ގުޅޭ މައްސަލަ ތަހުގީގު ކޮށް އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށާއި, މި ޖަރީމާގައި ހިމެނޭ މުވައްޒަފުންގެ ތެރެއިން 6 މީހަކު މީގެ ކުރިން ވަޒީފާއިން ވަކިވެގެން ގޮސްފައި ވާ ކަމަށެވެ. ނަމަވެސް އެ 6 މީހުންގެ މައްސަލަވެސް ބައްލަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިހުސާން ވިދާޅުވީ, ރައީސްގެ އިރުޝާދާ އެއްގޮތަށް މި މައްސަލަ ތަހުގީގު ކޮށް އެންމެ ހަރުކަށި ފިޔަވަޅު އަޅުއްވާނެ ކަމަށް ވިދާޅުވިއެވެ.