ދިވެހިރާއްޖެ އައި އެއްމިލިއަން ވަނަ ފަތުރުވެރިޔާއަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

އެމްއެމްޕީއާރްސީ އިން ބުނީ ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިއަކީ ތައިލެންޑަށް ނިސްބަތްވާ ސުތާޕާ އަމޯންވިވަތް ނަމަކަށް ކިޔުނު އަންހެނެއް ކަމަށެވެ. އޭނާ މިއަދު ރާއްޖެ އައިސްފައިވަނީ އެއާއޭޝިއާގެ ފްލައިޓް FD 175 ގައި ހެނދުނު 11:15 ގައެވެ. މިއީ ސުތާޕާ އަމޯންވިވަތް ރާއްޖެއަށް ޒިޔާރަތްކުރި ތިންވަނަ ފަހަރަށް ވާއިރު، އޭނާ އައިސްފައިވަނީ އާއިލާއާއެކު ނިޔާމާ މޯލްޑިވްސްގައި ޗުއްޓީ ހޭދަ ކުރުމަށެވެ.

ރާއްޖެ އައި އެއް މިލިއަން ވަނަ ފަތުރުވެރިއާއަށް މަރުހަބާ ކިޔުމުގެ ގޮތުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ވަނީ މިނިސްޓްރީ އޮފް ޓުއަރިޒަމް އާއިއެކު ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ. މި ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓާ، އެމްއޭސީއެލްގެ އިސްވެރިން، އިމިގްރޭޝަން އަދި ކަސްޓަމްސް ސާވިސް އިން ވަނީ ބައިވެރިވެފައެވެ. އަދި އެއް މިލިއަން ވަނަ ޓޫރިސްޓަށް ވަނީ ހާއްސަ ޗުއްޓީއެއް ސަން ސިޔާމް ރިސޯޓްސްގެ ފަރާތުން ދީފައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވީ އެއް މިލިއަން ޓޫރިސްޓުން ގެނައުމުގެ އަމާޒަށް ވާސިލުވުމަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ހިތްވަރާއި ސާބިތުކަން ދައްކުވައިދޭ ކަމެއް ކަމަށާއި ޓްރެވަލް އެޖެންސީތަކުންނާއި ފަތުރުވެރިންނަށް މެހެމާންދާރީ ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަކަށް ޝުކުރު އަދާކުރާކަމަށެވެ.

މިއަހަރުތެރޭ ރާއްޖެއަށް 2 މިލިއަން ފަތުރުވެރިން ގެނައުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، ފައިސަލް މީގެ ކުރިން ވިދާޅުވެފައިވަނީ މިހާރު ރާއްޖެއަށް ފަތުރުވެރިން އަންނަމުންދާ އަދަދުތަކަށް ބަލާއިރު، އަހަރު ނިމޭއިރު 2.1 މިލިއަން ނޫނީ 2.2 މިލިއަން ފަތުރުވެރިން ރާއްޖެއަށް އަންނާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ނިމިދިޔަ 2023 ވަނަ އަހަރުގެ 15 މެއި ގެ ނިޔަލަށް ރާއްޖެ އައިސްފައިވަނީ 751،101 ފަތުރުވެރިންނެވެ. ނަމަވެސް މިއަހަރުގެ މެއި 15ގެ ނިޔަލަށް 837،189 ފަތުރުވެރިން ޜާއްޖެ ވަނީ އައިސްފައެވެ. މިއީ ހުސްވި އަހަރާ އަޅާ ބަލާއިރު 11.5 ޕަސެންޓުގެ ކުރިއެރުމެކެވެ.

ރާއްޖެއަށް އަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރީ ޗައިނާއިންނެވެ. އެގައުމުން 93،329 ފަތުރުވެރިން ޒިޔާރަތްކުރިއިރު ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ރަޝިއާއިން 84،559 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. އިންޑިއާއިން 47،649 ފަތުރުވެރިން ޒިޔާރަތްކުރިއިރު އިނގިރޭސިވިލާތުން 29،429 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ. ޖަރުމަނުން 65،792 ފަތުރުވެރިން ޒިޔާރަތްކުރިއިރު ފްރާންސްއިން 31،359 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރި އެވެ.

ރާއްޖޭގައި ފަތުރުވެރިކަމަށް ޖުމްލަ 1،198 ފެސިލިޓީއެއް އޮޕަރޭޓްކުރަމުންދާއިރު އޭގެ ތެރޭގައި 181 ރިސޯޓާއި 854 ގެސްޓްހައުސް އާއި 148 ސަފާރީ އުޅަނދު އަދި 15 ހޮޓާ ހިމެނެ އެވެ.