ރާއްޖެއިން ފެނުނު މެނިންގޯކޮކަލް ބަލީގެ ކޭސްއާ ގުޅިގެން 46 ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތު އިބްރާހިމް އަޝްރަފް ވިދާޅުވީ މިންގަނޑާ އެއްގޮތައް މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ނިންމާފައިވާ ކަމަށާއި މިކޭސްއާ ގުޅޭ ހުރިހާ ކޮންޓެކްޓުން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިހާތަަނަށް ބެލި ބެލުމުން އެފަދަ 46 މީހަކު ފާހަގަވެފައިވާ ކަމަށާއި، އޭގެތެރެއިން ޕްރޮފިލެކްސިސް ދޭންޖެހޭ މީހުންނަށް ޕްރޮސިލެކްސިސް ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"އެ ކޭސްއާ ގުޅިގެން މިހާތަނަށް އަޅުގަނޑުމެންނަށް އައިޑެންޓިފައި ކުރެވިފައިވަނީ، އެހެންވީމަ އިތުރަކަށް ދެން ފުޅާވެގެން ނުދާނެ، މިހާރު ފެނިފަ ހުރި އަދަދުތަކަށްވުރެ އިތުރުވެގެން ނުދާނެ،".
އަޝްރަފް

އެކަމާ ގުޅިގެން ހެލްތު މިނިސްޓްރީން މިއަދު ބުނީ، އިންވޭސިވް މެނިންގޯކަލް ބަލި ފެތުރެމުންދާކަމަށް މިހާތަނަށް ފާހަގަކުރެވިފައިނުވާ ކަމަށެވެ. އެހެންކަމުން އެ ބައްޔަށް ޖަހާ ވެކްސިން އާއްމުކޮށްވެސް، އަދި ސިއްހީ ހިދުމަތްތެރިން ވެސް ޖެހުމުގެ ހާލަތެއް ނެތް ކަމަަށެވެ. އެކަމަކު، ބަލި ޖެހުމަށް 'ހައިރިސްކު' ބައެއް ގްރޫޕުތަކުން ވެކްސިން ޖަހަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

އޭގެ ތެރޭގައި:

  • ހައްޖު ނުވަތަަ އުމްރާގެ އަޅުކަން އަދާކުރުމަށްފަަހު އެނބުރި އައި މީހުން
  • މެނިންގޯކަލް ބަލީގެ ކޭސްތައް ފެންނަ ގައުމުތަކަށް ދަތުރުކުރާ ފަރާތްތައް
  • ބަލި ހުންނަ ފަރާތްތައް

މި ބަލި ފެނިފައި ވަނީ ހައްޖުގެ އަޅުކަމަށް ފަހު ރާއްޖެ އައިތަނާހެން ހަލު ދެރަވި ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު މުހައްމަދު އާރިފް (ބަކާ)ގެ ފަރާތުންނެވެ. ބަލި ޖެހި ހާލު ސިރީޔަސްވެގެން އޭޑީކޭ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް މިދިޔަ އަންގާރަ ދުވަހު އޭނާ ވަނީ ނިޔާވެފައެވެ.

އެހެން ކަމުން މިއަހަރު ހައްޖަށް ދިޔަ ފަރާތްތަކުގެ ތެރެއިން މެނިންޖައިޓިސް ވެކްސިން އެއްވެސް ސަބަބަކާހުރެ ނުޖެހޭ ފަރާތްތައް ނުވަތަ ވެކްސިން ޖެހުމަށްފަހު ފުރުމާ ދެމެދު 14 ދުވަސް ހަމަނުވާ ފަރާތްތަކުގެ ތެރެއިން މިބަލީގެ އަލާމާތެއް ފެނިއްޖެނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

މެނިންގޮކޯކޮލް ނުރައްކާތެރި ބެކްޓީރިއާއެއް ކަމަށްވާ ނެއިސެރިއާ މެނިންގްޓިޑިސް ނުވަތަ އާންމު ނަމުންނަމަ މެނިންގޮކޯކަސްގެ ސަބަބުން ޖެހޭ ބައްޔެކެވެ. މި ބައްޔަކީ ސިކުނޑީގެ މެމްބްރޭންތަކަށް އަސަރުކުރާ އަދި ސްޕައިނަލް ކޯޑަށްވެސް އަސަރު ކުރާ ބައްޔެކެވެ.

މެނިންޖައިޓިސް ވެކްސިން ޖެހުމުން މި ބަލިން ރައްކާތެރިކޮށްދެ އެވެ. މި ވެކްސިންއިން ހަށިގަނޑުގެ ދިފާއީބާރު އުފެއްދުމަށް ގާތްގަނޑަކަށް ދެ ހަފްތާ ނަގާ ކަމުން ބަލިން ރައްކާތެރިވުމަށް މަދުވެގެން 2 ހަފްތާ ކުރިން ވެކްސިން ޖެހުން މުހިންމެވެ.