ޗައިނާގެ އެންމެ ބޮޑު ބޭންކެއް ކަމަށްވާ އިންޑަސްޓްރިއަލް އެންޑް ކޮމާޝިއަލް ބޭންކް އޮފް ޗައިނާ (އައިސީބީސީ) އާއިއެކު އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ މިނިސްޓަރު ސައީދު ޗައިނާގެ ދާލިއާންގައި އޮންނަ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބައިވެރިވެވަޑައިގަތުމަށް އެ ގައުމަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، އެމަނިކުފާނު އައިސީބީސީގެ ސީނިއާ އެގްޒެކެޓިވުންނާއި ބައްދަލު ކުރައްވާ މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އަދި ދިވެހިރާއްޖެއަށް އެހީތެރިކަން ހޯދައި، އެކުގައި ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާތައް ކުރެއްވި ކަމަށް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، މިބައްދަލުވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަހަރުގެ ޖެނުއަރީ މަހު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީޖީ ޕިން އާއި އެކު ކުރެއްވި މަޝްވަރާތަކަށް އަމަލީ ސިފަ ގެނައުމަށް ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދިޔަ ބައްދަލު ވުމެއް ކަމަށެވެ. ނަމަވެސް އެ ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް މިނިސްޓަރު ހިއްސާކޮށްފައި ނުވެއެވެ.

ޗައިނާގެ އިތުރުން މުޅި ދުނިޔޭގެ ވެސް އެންމެ ބޮޑު ބޭންކު ކަމަށްވާ އައިސީބީސީ އަކީ މީގެ ކުރިންވެސް ރާއްޖެ އަށް އެކި ގޮތް ގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ބޭންކެކެވެ. އެގޮތުން ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކަކީ އައިސީބީސީން 85 ޕަސެންޓުގެ ލޯން ނަގައިގެން ހިންގާފައިވާ ބިޔަ މަޝްރޫއެކެވެ.

މިނސްޓަރުގެ މި ދަތުރުފުޅުގައި ޗައިނާގެ ކޮމާސް މިނިސްޓަރާއި އެހެނިހެން އިސް އޮފިޝަލުންނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ވިޔަފާރި އާއި ފައިނޭންޝިއަލް ސެކްޓާއާ ގުޅޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ނިންމާފައި ވެއެވެ.

ޗައިނާ އަކީ މި ސަރުކާރުން އެންމެ ގާތް ގުޅުމެއް ބާއްވާ ގައުމެވެ. މި އަހަރުގެ ކުރީކޮޅު ރައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ބޮޑު ވަދުފަކާ އެކީ ޗައިނާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގައި އިންވެސްޓްމަންޓް ފޯރަމެއް ވެސް ބާއްވާފައިވެ އެވެ.