ދުނިޔޭގެ އެންމެ އިތުބާރު ހިފޭ ކްރިޑިޓް ރޭޓިން އެޖެންސީ، ފިޗުން ރާއްޖޭގެ ރޭޓިން ދަށްކޮށްފިއެވެ.

މިދިޔަ ދެ އަހަރު ފިޗުން ރާއްޖެއަށް ދީފައިވަނީ 'ބީ ނެގެޓިވް'ގެ ރޭޓިންގް އެކެވެ. ނަމަވެސް މިއަހަރުގެ ރޭޓީންގް ފިޗުން ވަނީ 'ސީސީސީ ޕްލަސް' އަށް ދައްކޮށްފައެވެ.

ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ދަރަނި ނުދެއްކި ޑީފޯލްޓްވުމުގެ ފުރުސަތު ވަރަށް ބޮޑުކަން ފާހަގަކޮށް އެ ރޭޓިންގް ދިން މައިގަނޑު ސަބަބަކަށް ފިޗުން ބުނެފައި ވަނީ ބޭރުގެ ފަރާތްތަކުން ރާއްޖެއަށް ފައިސާ ހޯދުމަށް ހުރި ހުރަސްތައް އިތުރުވުމާއި ރާއްޖޭގެ ދަރަންޏާއި މާލީ ހާލަތުގެ ގޯސްވަމުން ދިޔުމުން ރާއްޖެއަށް ހުރި ނުރައްކާތައް ބޮޑުވުން ހިމެނޭ ކަމަށެވެ.

ރުފިޔާއާ އަޅާ ބަލާއިރު ޑޮލަރުގެ އަގު މައްޗަށް ގޮސް ދިވެހި ރުފިޔާގެ އަގު ވެއްޓެމުންދާ ކަމަަށާއި ބޭރު ފައިސާގެ ރިޒާވު ދަށަށް ގޮސްފައިވާއިރު ބޭރުގެ ދަރަނިތައް އަދާކުރުމަށްވެސް ދަތިވާނެ ކަމަށް އެ އެސެސްމެންޓުގައި ފާހަގަކޮށްފައި ވެއެވެ.

އަދި ހަަމައެހެންމެ މިދިޔަ އަހަރުގެ މެއި މަހު 748 މިލިއަން ޑޮލަރު ހުރި ރިޒާވެއް މިއަހަރު 492 މިލިއަން ޑޮލަރަށް ދަށްވެފައިވާކަން ފާހަގަކޮށް ފިޗުން ބުނީ ކުރިއަށް އޮތް އަހަރުގައި ވެސް ރާއްޖޭގެ ފޮރިން ރިޒާވަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމަށް ލަފާ ކުރެވޭ ކަަމަށެވެ. އަދި މިދިޔަ އަހަރު ޖީޑީޕީގެ ނިސްބަތުން 109.4 ޕަސެންޓުގައި ހުރި ދަރަނި 2026 ގައި 117.6 ޕަސެންޓަށް އިތުރުވާނެ ކަމަށް ފިޗުން ވަނީ ލަފާކޮށް މެދު ރާސްތާގައި އެ އަދަދު އިތުރަށް ބޮޑުވާނެ ކަމަށް ވެސް ލަފާކޮށްފައި ވެއެވެ.

ކުރިއަށް އޮތް ދުވަސްތަކުގައި ދަރަނީގެ ގޮތުގައި ބޮޑު އަދަދެއް ދައްކަން ޖެހޭއިރު ބޭރުން ފައިސާ ހޯދާ މިންވަރު މާލީ އިސްލާހީ ފިޔަވަޅުތަކާ އެކު މި ސަރުކާރުން ކުޑަ ކުރާނެ ކަމަށް ފިޗުން ލަފާކުރެއެވެ. މީގެ އިތުރުން ސަރުކާރުން ހުށަހަޅާ މާލި އިސްލާހީ އެޖެންޑާގައި ހިމެނޭ ސަބްސިޑީ ރިފޯމްތައް ތަންފީޒުކުރަން ފަށާނީ އަހަރުގެ ފަހު ކުއާޓަރުގައި ކަމަށް ލަފާކޮށް އެކަމުގެ ސަބަބުން ހާލަތު އިތުރަށް ނާޒުކުވެ އަޅަން ޖެހޭ ފިޔަވަޅުތައް ބޮޑުވެ އެކަން ކުރަން އުނދަގޫވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

ނަމަވެސް އާމްދަނީ އިތުރުކުރުމަށް ފިޔަވަޅު އަޅައި ހަރަދު ކުޑަކުރުމުގެ ހަރުދަނާ ފިޔަވަޅުތަކެއް އެޅިއްޖެ ނަމަ ދަރަނި ނުދެއްކިދާނެ ކަމުގެ ނުރައްކަލުން ރާއްޖެއަށް ސަލާމަތްވެވި ރާއްޖޭގެ މާލީ ހަލަތާއި ދަރަނީގެ ހާލަތު ދެމެހެއްޓެނިވި ގޮތަކަށް ބަދަލު ކުރެވިދާނެ ކަމަށްވެސް ފިޗުން ބުނެއެވެ.

ފިޗުގެ އިތުރުން، ރާއްޖެއާ ގުޅޭގޮތުން އާންމުކޮށް ލިބެން ހުންނަ މާލީ މައުލޫމާތު ހޯދައި، ރޭޓިން މޫޑީސް އިންވެސް ދެއެވެ. މިދިޔަ ދެ އަހަރު ފިޗް އިން ރާއްޖެއަށް ބީ ނެގެޓިވް ރޭޓިން ދީފައި ވީ ނަމަވެސް މީގެ ކުރިންވެސް ފިޗުން ވަނީ 'ސީސީސީ' ގެ ރޭޓިންގް ރާއްޖެއަށް ދީފައެވެ.