އިމާމުންނާއި ހަތީބުން ތަމްރީން ކުރުމުގެ ގައުމީ މަޝްރޫއުގެ ދެވަނަ ބެޗުގެ އެޕްލިކޭޝަނަށް ހުޅުވާލައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިޕްރޮގްރާމްގެ ދެވަނަ ބެޗު ތިން ސަރަހައްދެއްގައި ބާއްވާނެ ކަމަށާއި މި މިފަހަރުގެ ޕްރޮގްރާމްގެ އިމްތިހާނު މާލޭގެ އިތުރުން އައްޑޫ ސިޓީ އަދި މީމު އަތޮޅުގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމަކީ އިމާމުކަމުގެ ދާއިރާއިން އިމާމުންނަށް އިންޓެންސިވް ތަމްރީން ފޯރުކޮށްދީ މި ޒަމާނުގައި އިމާމުންނަށް ބޭނުންވާ، މިސްކިތްތަކާ ގުޅޭ އިތުރު މައުލޫމާތު ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގުރާމަކީ 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމްއެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދެވަނަ ބެޗުގެ އެޕްލިކޭޝަނަށް މިއަދުން ފެށިގެން ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ހުށަހެޅޭނެކަމަށެވެ. މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ގުރްއާނާއި ތަޖުވީދުގެ އިލްމާއި ތަފްސީރާއި ފިގުހާއި ހަދީޘާއި އަގީދާގެ އިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު އިލްމީ ކަންކަން އުނގަންނައިދީ މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހްސިއްޔަތު ބިނާކުރުމުގެ ބޭނުމުގައި ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެއް ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ފުރަތަމަ ބެޗުގައި 100 އަށްވުރެ ގިނަ ކުދިން ވަނީ ސަނަދު ހާސިލްކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މި ޕްރޮގްރާމްގެ ސަބަބުން ހަތީބުން މަދު ރަށްރަށުގެ ކައުންސިލްތަކަށްވެސް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާ ކަމަށެވެ.

ޒުވާން ހަތީބުން ތަމްރީން ކުރުމުގެ ޕްރޮގުރާމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ޕްރޮގުރާމެކެވެ.