ހައްޖުން އެނބުރި އަންނަ ފަރާތްތަކުން، ގައިން ގަޔަށް އަރާ ބަލިތަކަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖަންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭއިން ބުނީ އަރިދަފުސް ރޯގާ އަދި ވައިރަލް ހުމުން ރައްކާތެރިވުމަށް އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުމަށް ސަމާލުކަން ދިނުމަށެވެ. އަދި ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުމަށްވެސް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

މީގެއިތުރުން ރޯގާޖެހި ކެއްސާނަމަ، މީހުން އެއްވެ އުޅޭ ތަންނަތަށް ނުދިއުމަށާއި، މިފަދަ ތަންނަތަނަށް ހާއްސަކޮށް ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ނުގެންދިއުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެޗްޕީއޭއިން އިތުރަށް ބުނީ ދަތުރުމަތީގައާއި ހައްޖުގެ ނުވަތަ އުމްރާ އަދާ ކުރުމުގައި އުޅޭ އިރު މާސްކު އެޅުން އެދެވިގެންވާ ކަމަށާއި، ހައްޖުން ނުވަތަ އުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭ ހުން އައުން، ކެއްސުން، ނޭވާލާން އުނދަގޫވުން ނުވަތަ މޭގައި ރިއްސުން ފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން މުހިންމު ކަމަށެވެ.

އެޗްޕީއޭއިން ބުނީ ހުން އަދި އަރިފުސް ރޯގާ ޖެހިއްޖެނަމަ ގިނަގިނައިން ދިޔާ ތަކެތި ބޮއުން މުހިންމުކަމަށާއި، އަރާމުކުރުން މުހިންމު ކަމަށެވެ. އަދި ހުންގަދަވާނަމަ ގައިގައި ފެން ހޭކުމާއި ޑޮކްޓަރުގެ ލަފަޔާ ނުލާ ޕެރަސެޓަމޯލް ފިޔަވައި އެހެން ބޭހެއް ބޭނުން ނުކުރުން މުހިންމު ކަމަށެވެ.