މި ސަރުކާރުން ފައިސާ ޗާޕު ނުކުރާ ކަމަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރޭ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޖަލްސާގައި ޔާމީން ވަނީ އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކައް އަލިއަޅުއްވާފައެވެ. އެ ގޮތުން ޔާމީން ވިދާޅުވީ މި އަހަރަށް ދައުލަތަށް 36 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވީ ނަމަވެސް މި އަހަރުގެ ފުރަތަމަ ހަ މަސް ނިމިގެން ހަތް ވަނަ މަހަށް އަޅާއިރުވެސް މިހާތަނަށް ލިބުނީ 12 ބިލިއަން ރުފިޔާ ކަމަށެވެ. އިތުރަށް ޔާމީން ވިދާޅުވީ ސަރުކާރުން 18 ނުވަތަ 22 ބިލިއަން ރުފިޔާ ލިބިފައި އޮންނަންވާނެކަމަށާއި ތަފާސްހިސާބަށް ބަލާއިރު ސަރުކާރުން 14 ބިލިއަން ހޯދަން ޖެހޭކަމަށެވެ.

ރާއްޖެ އިގްތިސާދީ ގޮތުން ރަނގަޅަށް 'ފަންގްޝަން' ނުކުރާކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ އިގްތިސާދަށް ސަރުކާރުން ބުނާވަރުގެ 'ދުޅަހެޔޮ' ކަމެއް ނެތްކަމަށެވެ. މީގެ އިތުރުން ޔާމީން ވިދާޅުވީ ސަރުކާރުން ޓްރެޝަރީ ބިލް ވިއްކައިގެން ފައިސާ ހޯދަން މަސައްކަތް ކުރި ނަމަވެސް އެ މަސައްކަތް ކާމިޔާބުވެފައި ނުވާކަމަށެވެ. "ދެން އޮތް ގޮތަކީ ރާއްޖޭގެ ބޮންޑު މެދުވެރިކޮށް ފައިސާ ހޯދުން. އެގޮތަށް ފައިސާ ހޯދުން ވެސް ކާމިޔާބުނުވޭ. ރޭގައި ރައީސް މުއިއްޒު އެ ވިދާޅުވީ ތިމަންނަމެންގެ ސަރުކާރުން ނޫޓު ޗާޕުނުކޮށް މިއިން އެއްވެސް ކަމެއް ނުކޮށް، އެ ވިދާޅުވި ހިސާބުތަކަށް ބަލައި ކަމަށްވަންޏާ 13.7 ބިލިއަން ރުފިޔާގެ ވާހަކަ އެ ދައްކަވަނީ" ޔާމީން ވިދާޅުވިއެވެ.

މީގެ އިތުރުން ޔާމީން ވިދާޅުވީ މީރާގެ ހިސާބުތަކުން ދައްކާ ގޮތުން މިއަހަރުގެ ޖޫން މަހުގެ ނިޔަލަށް މީރާއަށް ލިބިފައިވަނީ 12 ބިލިއަން ރުފިޔާކަމަށެވެ. އެހެންކަމުން ރައީސް ވިދާޅުވާ ހިސާބު ދިމާ ނުވާކަން ފާހަގަކުރައްވަމުން ޔާމީން ވަނީ އޭގެ ސަބަބު ހޯދަން ޖެހޭ ކަމަށް ވިދާޅުވެފައެވެ. އިތުރަށް ޔާމީން ވިދާޅުވީ ސަރުކާރަށް މިހާތަނަށް ލިބުނީ 12 ބިލިއަން ކަމަށާއި، އެ ފައިސާއިން 13.7 ބިލިއަން ދެއްކި ގޮތުގެ ތަފުސީލަށް ބަލަން ޖެހޭކަމަށެވެ.

އިތުރަށް ޔާމީން ވިދާޅުވީ އެމްއެމްއޭގެ ހަރަދުގެ ތަފާސްހިސާބަށް ބަލާއިރު 'އެޑްވާންސެސް ޓު ދަ ގަވަމެންޓް' ކިޔާ ހަރަދެއް އޮންނަ ކަމަށާއި އެއީ ސަރުކާރުން އެދިގެން ސަރުކާރަށް ދޭ ކުރު މުއްދަތުގެ ލޯނެއްކަމަށެވެ. މިދިޔަ ސަރުކާރު ނިމުނު އިރު، ނޮވެމްބަރާ ހަމައަށް 'އެޑްވާންސެސް ޓު ދަ ގަވަމެންޓް'ގެ ގޮތުގައި ދޫކޮށްފައި ހުރީ 1.7 ބިލިއަން ރުފިޔާކަން ފާހަގަކުރައްވަމުން ޔާމީން ވިދާޅުވީ މިއަދުގެ ހިސާބަށް ބަލާއިރު 'އެޑްވާންސެސް ޓު ދަ ގަވަމެންޓް'އަށް 14.7 ބިލިއަން ރުފިޔާ ނަގާފައިވާކަމަށެވެ. އެހެންކަމުން މި ސަރުކާރުން އެމްއެމްއޭ އިން ލޯނެއް ނަގާފައިވާކަން ތުހުމަތުކުރައްވަމުން ޔާމީން ވަނީ އެއީ ފައިސާ ޗާޕު ކުރުން ކަމަށް ސިފަކުރައްވާފައެވެ.