ހަރަދު ކުޑަކުރުމާއި، އާމްދަނީ އިތުރު ކުރުމުގެ ސިޔާސަތު އަދި މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓެޖީއެއް އެކުލަވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.

ރައީސް އޮފީހުން ބުނީ، ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ އިއްޔެ ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައިވާ ކަރުދާހާ ގުޅޭގޮތުން އެ މަޖިލީހުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައި ކަމަށެވެ.

ދިވެހިރާއްޖޭގެ އިގްތިސޯދު ސިންދަފާތު ކުރުމަށާއި، އާމްދަނީ އިތުރުކުރުމަށް އިތުރަށް ކުރެވިދާނެ ކަންތައްތަކަކީ ކޮބައިތޯ ބައްލަވައި، އެކަންކަމާ ގުޅޭގޮތުން ކުރަންޖެހޭ ކަންކަން ވަޒީރުންގެ މަޖިލީހުގެ ސަބް-ކޮމިޓީއަކުން ކުރިއަށް ގެންދެވުމަށް ވެސް އިއްޔެގެ ވަޒީރުންގެ މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

އިއްޔެ މި ނިންމުން ނިންމެވި އިރު، ރޭ ޕީއެންސީގެ ޖަގަހަ ހުޅުވުމަށް ބޭއްވި ޖަލްސާގައި ވާހަކފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ ރާއްޖޭގެ އިގްތިސޯދު ކޮޅަށް ޖެހުމަށް ކުރައްވަމުން ގެންދަވާ ކަންކަމާއި އަދި މިހާތަނަށް ހާސިލް ކުރެވުނު ކަންކަން ހިއްސާ ކުރައްވާފައެވެ. އެގޮތުން ހަރަދު ކުޑަކުރުމާއެކު އާމްދަނީ އިތުރު ކޮށްގެން ގިނަ ކަންކަން ކުޔރެވިދާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

އެމަނިކުފާނު ވެރިކަމަށް ވަޑައިގެންތާ 7 މަސްވެފައިވާ އިރު، 7 މަސް ދުވަހުގެ ތެރޭގައި ކުރެއްވި އެންމެ ރަންގަޅު ނަމަވެސް އުނަދަގޫ އެއް ކަމަކީ ފައިސާ ޗާޕްކުރުން ހުއްޓާލުން ކަމަށް އެމަނިކުޔފާނު ވިދާޅުވެފައި ވެއެވެ. އަދި ފައިސާ ޗާޕް ނުކޮށް، ބޮޑެތި އިންޓަރެސްޓްގައި ދޫކުރާ ލޯންތަކުގައި ނުޖެހި މި 7 މަސް ދުވަހުގެ ތެރޭގައި އެކިފަރާތްތަކަށް ދައްކަން ޖެހޭ 13 ބިލިއަން ރުފިޔާ ދައްކައި ހަލާސް ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.