ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނުން އިންތިޒާމުކޮށްގެން ސާނަވީ މަރުހަލާގެ އިނގިރޭސި ކިޔަވައިދިނުން ހަރުދަނާ ކުރުމަށް ކުރިއަށް ގެންދާ ޓްރެއިނިން އޮފް ޓްރެއިނާސް (ޓީއޯޓީ) ޕްރޮގްރާމް މިއަދު ފަށައިފިއެވެ.
މި ޕްރޮގްރާމްގެ މައިގަނޑު މަގުސަދަކީ، ސާނަވީ މަރުހަލާގެ އިނގިރޭސި މާއްދާގެ މަންހަޖަށް ގެނެވުނު ބަދަލުތަކަށް މުދައްރިސުން އަހުލުވެރިކުރުމާ، ޒަމާނީ ކިޔަވައިދިނުމުގައި މިހާރު ބޭނުންކުރެވޭ އުކުޅުތައް މުދައްރިސުންނަށް ފޯރުކޮށްދިނުމަށް މުޅިރާއްޖޭގައި ހަރަކާތްތެރިވާނެ ޓީއޯޓީން ތަމްރީނު ކުރުން ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ބުނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި ތަމްރީނު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ 2 ބުރަކަށް ބަހާލައިގެން ކަމަށެވެ. މި ތަމްރީނުގެ ފުރަތަމަ ބުރު ކުރިއަށް ދާނީ މި މަހުގެ 23 އިން 27 އަށް ކަމަށާއި މި ބުރުގައި 55 ބޭފުޅުން ތަމްރީނު ފުރިހަމަ ކުރާނެ ކަމަށް މިނިސްޓްރީއިން ބުއެވެ. އަދި ދެވަނަ ބުރު މަ މަހުގެ 29 އިން އަންނަ މަހުގެ 3 އަށް ކުރިއަށް ގެންދިއުމަށް ރެވިފައިވާއިރު، މި ބުރުގައި 58 ބޭފުޅުން ތަމްރީނު ފުރިހަމަކުރޭނެކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.
އޭއީޑީޕީ ގެ އެހީގައި ކުރިއަށްގެންދާ މި ޕްރޮގްރާމަކީ، މުދައްރިސުން ތާޒާ ކުރުމަށް 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ނިމޭއިރު ސެކަންޑްރީ ކްލާސްތަކަށް އިނގިރޭސި ކިޔަވައިދެއްވާ މުދައްރިސުން ތާޒާ ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް 113 ޓީއޯޓީން ތަމްރީނު ކުރެވޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީއިން ވަނީ ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ބުނީ މި ތަމްރީނު ޕްރޮގްރާމްގެ ބައިވެރިންނަށް މައުލޫމާތު ދޭނީ، އެޑިޔުކޭޝަން ކޮންސަލްޓެންޓް މަރިޔަމް ތައުފީް އަދި ޓްރެއިނިން އެކްސްޕާޓް ފަސީލާ ޝަކީބެވެ.
މި ޕްރޮގްރާމް ފެށިގެން ކުރިއަށް ދާއިރު އިނގިރޭސި ބަސް އުނގެނުމަށް ދަރިވަރުންގެ ޝައުގުވެރިކަން އިތުރުކުރުމަށްޓަކައި ރާއްޖޭގެ 206 އަށްވުރެ ގިނަ ސްކޫލަށް ޖޮންރާގެ ތަފާތު އިނގިރޭސި ފޮތްތައް ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފައެވެ. އަދި މި ފޮތްތައް ސްކޫލްތަކަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވަނީ، 2 ބުރަކަށް ބަހާލައިގެންކަން މިނިސްޓްރީއިން ފާހަގަ ކުރެއެވެ.
އެންއައިއީ ސެމިނާ ރޫމުގައި ކުރިއަށްދާ މި ތަމްރީނު ޕްރޮގްރާމް ރަސްމީ ކޮށް ފައްޓަވައިދެއްވީ، އެޑިޔުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދެވެ.