އައްޑޫ ސިޓީ ހުޅުމީދޫގައި ހުންނަ މިފްކޯ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިން ކުރަމުން ގެންދާ އިހުތިޖާޖުގެ ބައިވެރިން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް (އޭއެފްސީ) ގެ އޮޕަރޭޝަންތައް މިއަދު ހުއްޓުވައިފިއެވެ.
މިފްކޯއިން މަސްވެރިންނަށް ދޭންޖެހޭ ފައިސާ ނުލިބޭ ކަމަށް ބުނެ އައްޑޫ ސިޓީގައި ހުކުރު ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ދަނީ އިހުތިޖާޖު ކުރަމުންނެވެ. އަދި މި އިހުތިޖާޖުގެ ތެރެއިން ފިޝަރީޒް ކޮމްޕްލެކްސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވެސް އިހުތިޖާޖުގެ ބައިވެރިން ދަނީ ދަތިތައް ކުރިމަތި ކުރުވަމުންނެވެ.
އެގޮތުން އިހުތިޖާޖު ކުރަމުން ދާތީ މުވައްޒަފުންގެ ކެންޓީން އިއްޔެ ބަންދުކޮށްފައި ވަނިކޮށް، ކުޑަދޮރުން ވަދެ އެ ތަނުގައި ހުރި ފުޑް ސަޕްލައި މަސްވެރިން ބޭނުން ކޮށްފައިވާ ކަމަށް ފާހަގަކޮށް މިފްކޯއިން ބުނީ އެކޮމޮޑޭޝަން ބްލޮކް ކަރަންޓު ކަނޑާލުމުގެ ސަބަބުން ރެއިން ފެށިގެން މުވައްޒަފުން ނިދަން ޖެހުނީ ބޭރުގައި ސަތަރި އަޅައިގެން ކަމަށެވެ. އަދި ކަރަންޓު ކަނޑާލުމުގެ ސަބަބުން ފާހާނާ ވެސް ބޭނުން ކުރަން މުވައްޒަފުންނަށް ދަތިވެފައިވާ ކަމަށް މިފްކޯ އިން މައުލޫމާތު ދިނެވެ.
"ފުލުހުން އެދިގެން އައްޑޫ ފިޝަރީޒް ކޮމްޕްލެކްސް އަށް ރޭ އަލުން ކަރަންޓު ދިން ނަމަވެސް މަސްލަހަތު ގެއްލި އެ ތަނާއި މުދަލާއި މުވައްޒަފުންނަށް ގެއްލުން ދޭނެ ކަމުގެ އިންޒާރު ދިނުމާ އެކު، ޖެހުނީ ކަރަންޓު ކަނޑާލަން" މިފްކޯއިން ބުންޏެވެ.
މުވައްޒަފުންނަށް ދަތިކޮށް، އިހުތިޖާޖުގެ ބައިވެރިން ތަކެއްޗަށާއި މުވައްޒަފުންނަށް ގެއްލުން ދޭން ފެށުމާއެކު ފުލުހުން ވަނީ ގާނޫނާއި ގަވާއިދާ ހިލާފު އެއްވެސް ކަމެއް ނުކުރަން އިހުތިޖާޖުގެ ބައިވެރިންގެ ކިބައިން އެދިފައެވެ. އިހުތިޖާޖު ސުލްހަވެރިކަމާ އެކު، ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުރުސަތު ދޭނެ ކަމަށް ވެސް ފުލުހުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.
އިހުތިޖާޖުގައި މަސްވެރިން ޑިމާންޑު ކުރަނީ އެކޮމޮޑޭޝަން، އެޑްމިން ބިލްޑިންގް އަދި ކެފެޓީރިއާގެ ކަރަންޓު ކަނޑާލާފައި ބެހެއްޓުމެވެ. އަނެއް ޑިމާންޑަކީ މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ވީ އެންމެ އަވަހަަކަށް ދިނުމެވެ. މިފްކޯއިން ބުނި ގޮތުގައި މަސްވެރިންނަށް ދޭ ޖެހޭ ބާކީ ފައިސާ ވީ އެންމެ އަވަހަށް ކްލިއާ ކުރުމަށްޓަކައި ސަރުކާރާ އެކު މަޝްވަރާތައް ކުރިއަށް އެބަދެއެވެ.
އައްޑޫ ފިޝަރީސް ކޮމްޕްލެކްސްގައި ސަތޭކައެއްހާ މުވައްޒަފުން މަސައްކަތް ކުރެއެވެ. މަސްވެރިންގެ މުޒާހަރާއާ ގުޅިގެން އެ ތަނުގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ކުރަން ޖެހޭނެ ކަންކަން ކުރަމުންދާނެ ކަމަށް މިފްކޯއިން ބުނެއެވެ.
މިދިޔަ އީދު ބަންދުވުމުގެ ކުރިން މަސްވެރިންނަށް ދޭން ޖެހޭ 80 މިލިއަން ރުފިޔާގެ ތެރެއިން 46 މިލިއަން ރުފިޔާ ވަނީ ސަރުކާރުން ދޫކޮށްފައެވެ. ނަމަވެސް މަސްވެރިން ޑިމާންޑް ކުރަނީ ބާކީ ބައިވެސް މިހާރުން މިހާރަށް ދިނުމަށެވެ.