ހުޅުމާލޭގައި ހިންގި މާރާމާރީއެއް ހުއްޓުވަން ދިޔަ ފުލުހެއްގެ ގައިގާ ކާރުން ޖެއްސުމަށް ފަހު ފިލި ދެވަަނަ މީހާވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި މަހުގެ 15 ވަނަ ދުވަހުގެ ފަތިހު ހުޅުމާލެ ފިލިގަސް މަގުގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިގެން އެ ސަރަހައްދަށް ދިއުމުން މާރާމާރީ ހިންގި މީހާ އެ ހިސާބުގައި އޮތް ކާރަކަށް އަރާ، ފިލުމަށް މަސައްކަތްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ ކާރު ހުއްޓުވަން މަސައްކަތް ކުރުމުން ފުލުހެއްގެ ގައިގައި ކާރުން ޖެއްސުމަށްފަހު އެމީހާ ފިލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި އަނިޔާވި މީހާ އާއި ފުލުސް މީހާއަށްވެސް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާ ކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.

އެ މައްސަލާގައި އެކަކު މީގެ ކުރިން ހައްޔަރު ކޮށްފައި ވާއިރު ފުލުހުން ތަރުޖަމާން އަދި އެސިސްޓެންޓް ކޮމިޝަނާ އޮފް ފޮލިސް އަހްމަދު ޝިފާން މިއަދު ވިދާޅުވީ އެ މައްސަލައިގައި ފުލުހުން ހޯދަމުންދާ ދެވަނަ މީހާ މިއަދުގެ ހަވީރު 5:44 ގައި ފުލުހުންގެ ބެލުމުގެދަށަށް ގެންގޮސްފައިވާ ކަމަށެވެ.