ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފާހިޝް މަންޒަރުތައް ހިމެނޭ ވީޑިއޯ ފަދަ ތަކެތި ހިއްސާކުރަމުން ދަނީ ހިތުގައި ކުޑަ ވެސް ބިރުވެތިކަމެއް ނެތި ކަމަށް މިއަދުގެ ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާ ހާއްސަކޮށްފައި ވަނީ ލަދުވެތިކަމާއި އިއްފަތްތެރި ކަމަށް ވާއިރު ހުތުބާގައި ވަނީ އިސްލާމްދީނަކީ ހުރިހާ ފުރިހަމަކަމަކާއި ރިވެތިކަމެއް އެކުލެވިގެންވާ ދިރިއުޅުމުގެ އެންމެ ފުރިހަމަ ނިޒާމު ކަމަށާއި މަތިވެރި އަހުލާގުގެ ހުރިހައި ސިފައަކަށް މި ދީން މަގުދައްކަވާ ކަމަށް ބުނެފައެވެ. އަދި އެގޮތުން ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ އިސްލާމްދީނުގައި ވަރަށް ބޮޑަށް ބާރުއަޅުއްވައިފައިވާ މަތިވެރި ދެ ސިފަކަމަށްވެސް ހުތުބާގައި ވަނީ ފާހަގަކޮށްފައެވެ.
ދިވެހި ބަހުގެ ރަދީފުގައި ލަދުވެތިރިކަން މާނަކޮށްފައި ވަނީ އަބުރު ގެއްލޭފަދަ ކަމެއް ކުރުމަށް ޖެހިލުންވުން ނުވަތަ އެހެން މީހުންނަށް ފާޅުކުރާން ނުކެރޭ ވަކި ސިފައެއް ވަކި ކަމެއް އެހެން މީހުންނަށް ފެނިދާނެތީ ޖެހިލުންވުން ކަމުގައި ވިޔަސް އިިލްމުވެރީން ލަދުވެތިކަން މާނަކުރައްވާފައި ވަނީ އެންމެހައި ނުބައިކަންކަމާ ދުރުހެލިވުމަށް ބާރުއަޅާ އަދި ހައްގުގެ ވެރިޔާއަށް އޭނާގެ ހައްގު ލިބިދިނުމަށް ހުރަސްއަޅާ ކަންކަމާ ދެކޮޅުވެރިވުމުގެ ރޫހު އުފައްދައިދިނުމަށެވެ.
ހުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި ލަދުވެތިކަމުގެ މާތް ސިފައިގެ މުހިންމުކަމުން ކީރިތި މާތް ނަބިއްޔާ ސިފަ ގެންނަވައިފައި ވަނީ އީމާންކަމުގެ ތެރެއިންނެވެ. އަދި ލަތުވެތިކަން އެ މީހެއްގެ ކިބައިގައި ހުރެއްޖެ މީހާ އިފަތްތެރިކަން އިސްކުރާނެ ކަމަށާއި އޭނާގެ ވެރި ރަސްކަލާނގެއަށް ބިރުވެތިވެ އޭނާގެ ހަވާނަފްސުގެ އެދުންތައް މައިތިރިކުރާނެ ކަމަށްވެސް ހުތުބާގައި ވަނީ ބުނެފައެވެ.
ހުތުބާގައި ބުނެފައިވަނީ މަހްޝަރު ދުވަހުގައި މާތް ﷲ ދެއްވާ ހިޔާވަހިކަން ފިޔަވައި އެހެން ހިޔާވަހިކަމެއް ނުވާ ދުވަހުގައި އެކަލާނގެ އެ މީހަކަށް ހިޔާވަހިކަން ދެއްވާނެ ހަތް މީހުންގެ ތެރޭގައި ދުނިޔެ މަތީގައި އިއްފަތްތެރިކަން އިސްކުޅަމީހާ ހިމެނޭކަން ރަސޫލާގެ ހަދީސް ބަސްފުޅެއްގެ މާނައިން އެނގި ހާމަވާ ކަމަށެވެ.
ހުތުބާގައި ވަނީ މިއަދު މިއަދު އަހަރެމެންގެ ތެރެއިން ބައެއް މީހުން ލަދުވެތިކަމާއި އިއްފަތްތެރިކަމުގެ އެ ރިވެތި ސިފައިން ބޭރުވެފައިވާ ތަން ފެނުމަކީ ހިތާމައެއްކަން ފާހަގަކޮށް، ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުގައި މީސްތަކުން ހަރަކާތްތެރިވަމުން ދަނީ ލަދުވެތިކަމުގެ ފޭރާން އެކީއެކަށް އެއްފަރާތް ކުރުމަށްފަހު ކަމަށް ބުނެފައެވެ.
ލަދުވެތިކަމާއި އިއްފަތްތެރިކަމަކީ ކޮންމެ މުސްލިމެއްގެ ކިބައިގައި ވެސް ކޮންމެހެން ހުރުން ލާޒިމު ސިފައެއް ކަމަށާއި އެ މުޖުތަމައެއްގެ އަހްލާގީ މިންތަކާއި އިޖްތިމާއީ ފޭރާން ބިނާވެފައިވާ މައިގަނޑު އެއް ސިފައަކީ ލަދުވެތިކަމުގެ ސިފަކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ.