ހުސްވެފައިވާ މާލެ ސިޓީ ކައުންސިލްގެ ތިން ގޮނޑިއަށްވެސް ވާދަކުރަނީ އެމްޑީޕީއާއި ޕީއެންސީއިން އެކަނި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އަންނަ މަހުގެ 20 ވަނަ ދުވަހު ބާއްވާ އެ ކައުންސިލްގެ ބައި އިލެކްޝަނަކީ މައްޗަންގޮޅި މެދު ދާއިރާއާއި ހެންވޭރު ހުޅަނގު ދާއިރާ އަދި ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި އިލެކްޝަނެކެވެ.

މާލެ ސިޓީ ކައުންސިލްގެ މައްޗަންގޮޅި މެދު ދާއިރާއަށްް ވާދަކުރާނީ:

  1. ފާތިމަތު އިޝާން އަލީ، އައިނާއެޑަމްސް / މާލެ (ޕީއެންސީ)
  2. ހައްވާ ޝިފާނާ، މއ. ރިހިރާޅު / މާލެ (އެމްޑީޕީ)

އިޝާނަކީ ނިމިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރުމަށް ޕީއެންސީއިން ބޭއްވި ޕްރައިމަރީއިން ނާކާމިޔާބުވެ، އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓެކެވެ.

މާލެ ސިޓީ ކައުންސިލްގެ ހެންވޭރު ހުޅަނގު ދާއިރާއަށްް ވާދަކުރަނީ:

  1. ފާތިމަތު ޝައުފާ ސަލީމް، ހ. އިސްފަހާން (ޕީއެންސީ)
  2. މުހައްމަދު އަލީ ޖިނާދު، ހ. ގްރީންޒެސްޓް (އެމްޑީޕީ)

މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާ ދާއިރާއަށްް ވާދަކުރަނީ:

  1. އަލީ އައިމަން، ހ. ފުޖޭރާ (ޕީއެންސީ)
  2. އަހްމަދު ރަޝީދު (ތުތީ)، ހުޅުމާލެ. މާވަހަރު 3 (އެމްޑީޕީ)

މި ތިން ދާއިރާގެ ބައި އިލެކްޝަންވެސް ބާއްވަނީ ކުރިން މި ދާއިރާތައް ތަމްސީލްކުރި ކައުންސިލް މެންބަރުން ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރައްވާ އެ މަގާމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެންނެވެ.

އެގޮތުން ހެންވޭރު ހުޅަނގު ދާއިރާގެ ކުރީގެ ކައުންސިލް މެންބަރު އަހްމަދު އައިފާންއަކީ މިހާރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު އުތުރު ދާއިރާގެ މެންބަރެވެ. އަދި މައްޗަންގޮޅި މެދު ދާއިރާގެ ކައުންސިލް މެންބަރު މޫސާ ޒަމީރު މިހާރު ހުންނެވީ އެ ދާއިރާގެ މަޖިލީސް މެންބަރުގެ ގޮތުގައި ކަމަށްވާއިރު ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހިމް ސުޖާއު އަކީ މިހާރު ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރެވެ.