ކާނިވާ ކައިރިން ޕާކިން ޒޯންގައި ރޯވި އަލިފާނުގައި 5 ސައިކަލަކާއި ބައިސްކަލަކަށް ގެއްލުންވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ، މެހެލި ގޯލީގައި ހުރި ސައިކަލުތަކެއްގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓްކޮށްފައި ވަނީ ރޭ 12:34 ހާއިރު ކަމަށެވެ. ހަމައެއާއެކު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާ ފައިޓަރުން ވަނީ އެ ސަރަހަށްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައެވެ. އެގޮތުން އެފްއާރުއެސްގެ ފަޔާ ފައިޓަރުން ކުރި މަސައްކަތުން ސައިކަލުތަކުގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 00:42 ހާއިރުއެވެ.

މި ހާދިސާގައި އެ ސަރަހއްދުގައި ހުރި 5 ސައިކަލަކާއި ބައިސްކަލެއްގައި އަލިފާން ރޯވެ ވަރަށް ބޮޑަށް އެ އުޅަނޑުތައް ވަނީ އަނދާފައި ކަމަށް ފުލުހުން ބުނެއެވެ. އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

މި އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ފުލުހުން ހާމަ ކޮށްފައިނުވެއެވެ. ފުލުހުން ބުނީ، މި މައްސަލަ އަދި ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

މި އަލިފާނުގެ ހާދިސާގެ ވީޑީއޯ ފުޓޭޖްތައް ސޯޝަލް މިޑިއާގައި ދައުރުވެފައިވާ އިރު، ބައެއް ސައިކަލުތަކުގައި ވަރަށް ބޮޑަށް ހުޅު ހިފާފައިވާ ތަން ފެނެއެވެ. އަދި އެ ސަރަހއްދުގައި އެ ވަގުތު ފުލުހުން ހަރަކާތްތެރިވަމުންދާ މަންޒަރު ވެސް ފެނެއެެވެ.