ކެއުން ބުއިމާއި އުފާފާޅުކުރުމާއެކު މުސްލިމުންނަށް އަންނަ އީދު ފަލަސްތީނުގެ ރައްޔިތުން ފާހަގަ ކުރީ ހިތާމައާއި ހިތްދަތިކަމުގައެވެ.
މިއަދު އީދު ނަމާދު ކުރުމަށް ގާޒާ އާއި ހުޅަނގު އައްސޭރިއަށް އާންމުން ނިކުތީ އިޒްރޭލުން ތަޅާ ސުންނާފަތި ކޮށްފައިވާ އިމާރަތްތަކުގެ ގާކުނޑިތަކުން ބަރާވެފައިވާ މަގުތަކަށާއި ހާމައަށް އޮތް ހުސް ސަރަހައްދުތަކަށެވެ.
އެއްވެސް މީހެއްގެ މޫނުމަތިން އުފާވެރިކަމުގެ އެއްވެސް ކުލަވަރެއް ފެނިފައެއް ނުވެއެވެ. ހިތާމައާއި ހިތްދަތިކަމާއި ކަރުނައިން ފޯވެފައި ވާ ހާލު އީދު ނަމާދު ކުރަމުން ދިޔަ އިރުވެސް އިޒްރޭލު ސިފައިން ގެންދިޔައީ ގާޒާގެ އެތަން މިތަނަށް ހަމަލާތައް އަމާޒު ކުރަމުންނެވެ.
މިއަދުގެ އީދު ނަމާދަށް ގާޒާގެ ރައްޔިތުން މަސްޖިދުލް އަގުސާ އަށް ވަންނަން އުޅުމުން އެކަންވެސް އިޒްރޭލުން މަނާ ކުރިއެވެ.
އިޒްރޭލުގެ އުދުވާނުގައި ގާޒާގައި ހުރިނަމަ ހުރި މިސްކިތެއްވެސް ވަނީ ތަޅާ ސުންނާފަތި ކޮށްލާފައެވެ. އެހެން ކަމުން އެތާނގެ ރައްޔިތުންނަށް މިއަދު އިހުތިޔާރު ކުރަން ޖެހިފައިވަނީ އަޅުކަމަށްޓަކައިވެސް ވަންނާނެ ހިޔާވައްސެއް ނެތި ހާމަތަންތަނެވެ.
ބޮޑުއީދާ ގުޅިގެން އަންނަ އުޟުހިޔާ ކަތިލުންވެސް މިއަދު އިޒްރޭލުން މަނާކޮށްފައި ވުމުން އެފުރުސަތެއްވެސް ގާޒާގެ ރައްޔިތުންނަކަށް ނުލިބުނެވެ.
ބައެއް ހަބަރުތައް ބުނާގޮތުން, ގާޒާއަށް ކާބޯތަކެތި ވެއްދުމަށްޓަކައި ކޮންމެ ދުވަހެއްގެ ހެނދުނު 8 އިން ރޭގަނޑު 7 އަށް އިޒްރޭލުން ހިންގާ އަސްކަރީ ހަރަކާތް ވަކި މަގުތަކެއްގައި މަޑުޖައްސާލާނެއެވެ. އެއީ އަބޫ ސާލިމް އަށް ކާބޯތަކެތީގެ އެހީ ފޯރުކޮށްދިނުމަށް ކަމަށް އިޒްރޭލުން ބުނެއެވެ. މިއަދު އިޒްރޭލުގެ ދިފާއީ ބާރުތަކުން ކުރި އިއުލާނެއްގައި ބުނީ އަބޫ ސާލިމަށް ކާބީތަކެތި ވެއްދުމުގެ ފުރުސަތު ދިން ނަމަވެސް ރަފާގައި އިޒްރޭލުން ހިންގާ އޮޕަރޭޝަން ހުއްޓާނުލައި ކުރިއަށް ގެންދާނެއެވެ. އަދި އެއްވެސް މާނައެއްގައި ހަމަލާތައް ހުއްޓާލުން ނޯންނާނެ ކަމަށް ވެސް ބުނެފައި ވެއެވެ.
އިޒްރޭލުން ގާޒާ އަށް ހަމަލާ ދޭން ފެށިތާ 8 މަސް ވެފައި ވާ އިރު މިހާތަނަށް 37 ހާސް މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.