އިސްލާމްދީނަކީ 'އިއްޒަތްތެރިކަން' ލިބިގެންވާ ދީނެއް ނަމަވެސް، މިއަދު މުސްލިމުން ވަރަށް ބޮޑަށް ނިކަމެތިވެފައިވާކަމަށް އީދު ހުތުބާގައި ބުނެފިއެވެ.

މިއަދުގެ އަޟްހާ އީދުގެ ހުތުބާގައި ބުނެފައިވަނީ މުސްލިމުން ނިކަމެތިވެފައިވާކަމުގެ އެންމެ ބޮޑަށް ދޭހަކޮށްދޭ އެއް ކަމަކީ، ފަލަސްތީނުގެ ރަފަހާ، ގާޒާ އާއި އެހެނިހެން ބިންތަކަށް ޞަހުޔޫނީން ވެރިވެގަނެފައިވީ ނަމަވެސް މި ބޮޑު އުންމަތް، އެ އަހުންނާއި އުހުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވުން ކަމުގައެވެ. އަދި މި އުންމަތުގެ މީސްތަކުންގެ އަދަދާއި ގުދުރަތީ ވަސީލަތްތައް ގިނަވެފައިވީ ނަމަވެސް އެ އަހުންނާއި އުހުތުން ހިމާޔަތްކުރުމަށް ނުކުޅެދިފައިވާކަމަށް ހުތުބާގައިވަނީ ފާހަގަކޮށްފައެވެ.

އެހެންކަމުން މި މަތިވެރި ދުވަހު އުންމަތް ބިނާކުރުމަށް އަޒުމުކަނޑައެޅުމަށް ހުތުބާގައިވަނީ ގޮވާލާފައެވެ. "އިލްމާއި ތައުލީމު ކުރިއެރުވުމުގައި، ކުރިއަރައިދިޔުމަށް މަސައްކަތްކުރަމާ ހިނގާ! ފަންނިއްޔަތާ ފަންނުވެރިކަމުގައި، ހުނަރުވެރިވަމާ ހިނގާ! މާތް ﷲ އާއި ރަސޫލާގެ އަދުއްވުން، އިސްލާމްދީނާ ދެކޮޅަށް ރާވާ މަކަރުވެރި ރޭވުންތަކާ ދެކޮޅަށް، އެއްބައިވަންތަކަމާ އެކު، ކުރިމަތިލަމާ ހިނގާ! ފަހެ މި އުންމަތަކީ އިންސާނިއްޔަތަށް އެތައް ގިނަގުނަ އިލްމާއި، ފަންނުވެރިކަމާއި، ހެވެއް ފޯރުކޮށްދިން ޝަރަފުވެރި އުންމަތެއް" ހުތުބާގައި ވަނީ ބުނެފައެވެ.

އިސްލާމީ ތާރީހާއި، ހައްޖުގެ މާތް އަޅުކަމާ ގުޅޭ ގޮތުން ހުތުބާގައި ބުނެފައިވަނީ މި މަތިވެރި ދުވަހުގައި އިބްރާހީމްގެފާނުގެ މަތިވެރި ޒިކުރާ އާކުރާ އިރު، އެކަލޭގެފާނުގެ ދަރިކަލުން އިސްމާއީލުގެފާނާއި، އަނބިކަނބަލުން ހާޖަރު ވަޒަންވެރިކުރެއްވި ބިންކަމުގައިވާ މައްކާއަށްޓަކައި، އެކަލޭގެފާނު ކުރެއްވި ދުއާގެ މަތީން ހަނދާންކުރާންޖެހޭކަމަށެވެ.

މީގެ އިތުރުން ހުތުބާގައިވަނީ ގައުމަކަށް ލިބޭނެ އެންމެ ބޮޑު ނިއުމަތަކީ، އެ ގައުމުގެ އަހުލުވެރީންނަކީ މާތް ﷲ އެއްކައުވަންތަކޮށް އާހިރަތް ދުވަހަށް އީމާންވާ ބަޔަކަށްވުން ކަމަށެވެ. އަދި މާތް ﷲ އަށް ބިރުވެތިވާ އެކަލާނގެއަށް ޖަވާބުދާރީވާން ޖެހޭ ދުވަހެއް އަންނާނޭކަން ގަބޫލުކުރާ ބަޔެއްގެ މެދުގައި ފަސާދަތައް މަދުވާނެކަމުގައި ހުތުބާގައިވަނީ ބުނެފައެވެ.

ގައުމަކަށް ލިބޭނެ ބޮޑު އަނެއް ނިއުމަތަކީ، އެ ގައުމަކީ އަމަންއަމާންކަން ލިބިފައިވާ ގައުމަކަށްވުން ކަން ހުތުބާގައިވަނީ ފާހަގަކޮށްފައެވެ. މި ކަންކަން އެ ބަޔަކަށް ހާސިލުވާނީ، ދޭދޭ ފަރުދުންގެ ގުޅުންތައް ވަރުގަދަވެ، އެއްބައިވަންތަ ބަޔަކަށް ވެގެންކަން ފާހަގަކޮށް ހުތުބާގައިވަނީ ހިޔާލުތަފާތުވުންތަކުގައި އެކަކު އަނެކަކަށް އިހްތިރާމުކޮށް، އަމިއްލަ މަސްލަހަތުގެ ބަދަލުގައި، ދީނާއި، ވަތަނުގެ މަސްލަހަތު އިސްކޮށްގެން ކަމަށެވެ. "މި މަތިވެރި ދުވަހުގައި، އަޅުގަނޑުމެންގެ މި ލޮބުވެތި ވަތަން، އިސްލާމްކަން މަތީ ދެމެހެއްޓުމަށް ގަދައަޅައި މަސައްކަތްކުރުމަށް އަޒުމް ކަނޑައަޅަމާ ހިނގާ! ދޭދޭ ގުޅުންތައް ވަރުގަދަކުރުމަށް ޓަކައި، އަތުކުރި އޮޅައިލަމާ ހިނގާ!" ހުތުބާގައި ގޮވާލާފައިވެއެވެ.

އިތުރަށް ހުތުބާގައި ބުނެފައިވަނީ ނަބިއްޔާ މުހައްމަދުއް ސައްލައްﷲ އަލައިހި ވަސައްލަމްގެ އިރުޝާދުގައިވާ ގޮތަށް، މުސްލިމުން އުފާ ފާޅުކުރާ އިރު، އިސްލާމްދީނުގެ އުސޫލުތަކަށް ތަބައާވާން ޖެހޭކަމަށެވެ. އަދި ދީނުގައި ހަރާމްކުރައްވައިފައިވާ ކަންކަން ކުރުމާއި، އުފާ ފާޅުކުރުމުގައި އެހެން ދީންތަކުގެ އަހުލުވެރީންގެ ގޮތްތައް ކޮޕީކުރުން ދޫކޮށްލާން ޖެހޭކަމަށެވެ.