އަޟްހާ އީދު ބަންދާ ދިމާކޮށް ކަނޑުދަތުރުކުރާ އުޅަނދުފަހަރު ޗެކްކުރުމުގެ ގޮތުން އެމްއެންޑީއެފް ކޯސްޓްގާޑުން "އޮޕަރޭޝަން އަޟްހާ" ފަށައިފިއެވެ.

އެމްއެންޑީއެފް އިން ބުނީ ކޮންމެ އަހަރެއްގެ އީދު ބަންދާ ދިމާކޮށް އެމްއެންޑީއެފް ކޯސްޓްގާޑުން ކުރިއަށްގެންދާ މި އޮޕަރޭޝަނަކީ އީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށް ވުމާއެކު، ދަތުރުކުރާ އުޅަނދާ، ޕަސިންޖަރުންގެ ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމުގެ ގޮތުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.

އެގޮތުން މިމަހުގެ 13 އިން 21 އަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ މި އޮޕަރޭޝަންގައި އުޅަނދުފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ، އެމްއެންޑީއެފް ކޯސްޓްގާޑުން ބަލަމުން ދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި، އުޅަނދުފަހަރުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތައް ބަލަމުންދާނެކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނުގައި މޯލްޑިވްސް ޕޮލިސް ސަވިސްއިން ވެސް ބައިވެރިވާއިރު، އުޅަނދުފަހަރުތަކުގައި ސަލާމަތާ ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވޭތޯ ބެލުމަށް، މާލޭ ސަރަހައްދުގައާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކަށް ނިސްބަތްވާ ބައެއް ރަށްރަށުގައި ވެސް ހަރަކާތްތެރިވާނެއެވެ.

މިގޮތުން، މާލޭ ސަރަހައްދުގައި، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާއިރު، ރާއްޖޭގެ އެންމެ ދެކުނުގެ އަތޮޅުތަކުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ފޯތު ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.