ތ. ކިނބިދޫ ނެރު ފަސްގަނޑަށް ލޯންޗެއް އުރިއްޖެއެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ މިއަދު ހަވީރު 5 ޖަހާހާއިރު "ވެލިމާ" ނަމަކަށް ކިޔާ ލޯންޗަށް ތ. ކިނބިދޫ ނެރު ފަސްގަނޑަށް އަރާ އެކްސިޑެންޓްވެފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގައި އެ ލޯންޗުގައި ތިބި 3 މީހުންގެ ތެރެއިން 2 މީހަކަށް ކުދި އަނިޔާތަކެއް ވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.

ފޮޓޯއިން ފެންނަ ގޮތުގައި ހަތަރު އިންޖީނު އަޅާފައި އޮތް ބޮޑު އެ ލޯންޗު ވަނީ ގަސްތަކުތެރެއަށް ގޮސް ވަދެފައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ލޯންޗު ދަތުރުކޮށްފައިވަނީ ކިނބިދޫއަށް މީހުން ބޭލުމަށްފަހު އެނބުރި ދިއުމަށެވެ. އެއީ ތ. ގުރައިދޫ ލޯންޗެކެވެ.