މި ދައުރުގައި ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ ބިލުތައް އެކުލެވޭ، "ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ 2023-2028" ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މިގޮތަށް ނިންމެވީ އިއްޔެ ރައީސްގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި އެޓާނީ ޖެނެރަލްގެ އޮފީހުން ހުށަހެޅި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށް ފަހުގައެވެ.
ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާއަކީ، ކޮންމެ ސަރުކާރެއްގެ ފަސް އަހަރު ދުވަހުގެ ދައުރުގައި ފުރިހަމަކުރާނެ ކަމަށް ބަޔާން ކޮށްފައިވާ ވައުދުތަކާއި ކުރިއަށް ގެންދަން ނިންމާފައިވާ އިސްލާހީ މަސައްކަތްތަކާ ގުޅިގެން އަދި ދައުލަތް ހިންގުން ހަރުދަނާ ކުރުމަށާއި ގައުމާއި ރައްޔިތުންގެ ރައްކާތެރިކަމާއި ކުރިއެރުމަށްޓަކައި އެންމެ އިސްކަމެއް ދީގެން ތައާރަފު ކުރަން ނިންމާ ގާނޫނުތަކާ ގުޅޭ ބިލުތައް އަންގައިދޭ އެޖެންޑާއެކެވެ.
އެގޮތުން މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި 15 މައުޟޫއައަކާ ގުޅޭ ޖުމްލަ 213 ބިލެއް އެކުލެވިގެންވެއެވެ. އޭގެތެރޭގައި މުޅިން އަލަށް އެކުލަވާލަންޖެހޭ 78 ގާނޫނަކާގުޅޭ ބިލުގެ އިތުރުން މިހާރު އަމަލުކުރެވޭ ގާނޫނުތަކުގެ ތެރެއިން އިސްލާހު ގެންނަންޖެހޭ ނުވަތަ އުވާލަންޖެހޭ ގާނޫނުތަކަށް އިސްލާހު ގެނައުމަށްޓަކައި ހުށަހަޅަން ގަސްދުކުރާ 135 ބިލެއް ހިމެނެއެވެ.