ޗައިނާ ސަރުކާރުން ރާއްޖޭގެ އިސްތިގްލާލަށް އިހްތިރާމްކޮށް، އެއްބާރުލުން ދީ، ދެގައުމުގެ ހިޔާލު އެއްގޮތް ކަންކަމުގައި އެކުގައި މަސައްކަތްކޮށް ގުޅުން ބަދަހިކުރުމަށް އުންމީދުކުރައްވާކަމުގައި ޗައިނީޒް ޕީޕަލްސް ޕޮލިޓިކަލް ކޮންސަލްޓޭޓިވް ކޮންފަރެންސްގެ 14 ވަނަ ނެޝަނަލް ކޮމިޓީގެ ވައިސް ޗެއާމަން، ބާޓާ ވިދާޅުވެއްޖެއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ 2014 ވަނަ އަހަރު ޗައިނާގެ ރައީސް ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ، ދާދިފަހުން ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން ގާތްވެ، ރަޙްމަތްތެރިކަން އިތުރަށް ބަދަހިވެފައިވާ ކަމަށެވެ.

މީގެ އިތުރުން ވައިސް ޗެއާމަން، ބާޓާ ވަނީ ޗައިނާގެ ރައީސްގެ ފަރާތްޕުޅުން ހެޔޮއެދުންތައް ރައީސްއަށް އަރިސްކުރައްވާ، ރާއްޖޭގައި އެންމެފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރުން ސުޕާ މެޖޯރިޓީ ހޯދާފައިވާތީ އެކަން ފާހަގަކުރައްވާފަައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ޗައިނާ އާއި ރާއްޖޭގެ ގާތްގުޅުން ފާހަގަކުރައްވާފައެވެ. އެގޮތުން މިއަހަރު ޗައިނާއަށް އެންމެ ފުރަތަމަ ދަތުރުފުޅެއް ކުރެއްވީ އެމަނިކުފާނުކަން ފާހަގަކުރައްވައި، އެ ފުރުސަތު އެމަނިކުފާނަށް ދެއްވިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ. އަދި ޗައިނާގެ އެހީތެރިކަމާއެކު ކުރިއަށްގެންދިޔަ މުހިންމު މަޝްރޫއުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ ކާމިޔާބީއަށް ރައީސް އިޝާރާތްކުރެއްވިއެވެ. އަދި، ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ބޭނުންފުޅުވާކަމުގައި ރައީސް ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސް އާއި ވައިސް ޗެއާމަންވެސް ވަނީ އެކުގައި ގާތްކޮށް މަސައްކަތްކުރުމަށް ދެ ގައުމުންވެސް ވަރަށް ޝައުގުވެރިވާކަން ހާމަކުރައްވާފައެވެ.