ބޮޑު އީދު ދުވަހު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ "ވެދުމާ ދިޔުން" މިފަހަރު ކުރިއަށް ގެންދާނީ ޔޫތު މިނިސްޓްރީންނެވެ.

ބޮޑު އީދު ދުވަހުގެ މުނާސަބަތުގައި ޖޫން 15، 2024 ވަނަ ދުވަހުގެ ރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި ހަރަކާތް އޮންނާނީ އެރޭ 21:00 ގައެވެ.

މިހަރަކާތަކީ އިހުގެ ކާބަފައިން އެ އިރެއްގައި އެ ރަށެއްގެ ވެރިއަކަށް ހުންނަ ބޭފުޅެއްގެ އަރިހަށް އީދުގެ ކުޅިވަރުތައް ކުރިއަށް ގެންދިއުމުގެ ހުއްދައަށް އެދި ދެންނެވުމަށް ދާދިޔުމަށް ކިޔާ ނަމެކެވެ.

މި ހަރަކާތް ކުރިއަށް ދާނީ ކާބަފައިން މިކަން ކުރަމުންއައި ގޮތް ކަމަށްވާ ބޮޑުބެރުގެ އަޑުން ގުގުމާލައި ބެރުގެ ހަމައަށް ފައިހަމަކުރަމުން ދާ ދިގުދަނޑީގެ ހަރަކާތަކާއެކު ގައެވެ. އަދި ސަފުގެ އެންމެ ކުރީގައި ހުންނަވާނީ ޒުވާނުން ބާރުވެރިކުރުވުމާއި މައުލޫމާތާއި ފަންނާ ބެހޭ ވަޒީރު އިބްރާހިމް ވަހީދު (އަސްވާޑް) އެވެ.

ޔޫތު މިނިސްޓްރީން ކުރިއަށް ގެންދާ ބޮޑު އީދުގެ ހަރަކާތައް ތިން ދުވަހުގެ މުއްދަތައް ކުރިއަށް ދާއިރު މި ހުރިހާ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލޭގެ އެކި ސަރަހައްދުތަކުގައެވެ.

އެގޮތުން އީދު ދުވަހު (ޖޫން 16، 2024) ގައި 11 ހަރަކާތްތަކެއް މާލޭގައި ބޭއްވުމަށް ހަމަޖެހިފައި ވާއިރު އޭގެ ތެރޭގައި ހެނދުނު 07:00 ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުމާއި 08:00 ގައި މަޖީދީމަގުގައި އީދު ސައެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން އީދު ދުވަހުގެ ހަވީރު 16:00 ގައި މާލޭގެ 8 ސަރަހައްދެއްގައި ސަގާފީ ކުޅިވަރުތައް ދައްކާލުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު 21:00ގައި ސޯޝަލް ސެންޓަރުގައި ފަންނާނުންގެ ސްޓޭޖް ޝޯއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ޖޫން 17، 2024 ވާ ހޯމަ ދުވަހުގެ ހެނދުނު 09:00 ގައި އާޓިފިޝަލް ބީޗު އަދި ރަސްފަންނުގައި ފެންކުޅި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

ފަހުގެ ތާރީހެއްގައި މާލޭގައި މިފަދަ ގޮތަކަށް ކުލަގަދަކޮށް ބޮޑު އީދު ފާހަގަކުރާ މިއީ ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.