މާލޭގެ އާސަހަރާ މިސްކިތުގެ ފިނިޝިން މަސައްކަތާ އެކީ މުޅި އިމާރާތުގެ މަސައްކަތް އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން ނިންމާލެވޭނެ ކަމަށް، މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާސަހަރާ މިސްކިތުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ޕީއެންޕީ ކުންފުންޏާއެވެ. އެކަމަކު ޕީއެންޕީން މަސައްކަތް ކުރިއަށް ނުގެންދިއުމުން، އެ ކުންފުންޏާ އެކު ހެދި 4.9 މިލިއަން ރުފިޔާގެ އެއްބަސްވުން އުވާލައި، ކައުންސިލުން ވަނީ 3.6 މިލިއަން ރުފިޔާ ދައްކައިފައެވެ. އޭގެ ފަހުން ކައުންސިލުން އާސަހަރާގެ މަސައްކަތް އިތުރު ދެ ކުންފުންޏަކާ ހަވާލުކުރިއެވެ. އެއީ:

  • ބީސިކްސް ކޮންސްޓްރަކްޝަން (4.6 މިލިއަން ރުފިޔާއަށް) - އިމާރާތުގެ ފަރުމާގެ މަސައްކަތްކުރުމަށް
  • ހައިމާން ކޮންސްޓްރަކްޝަން (2.7 މިލިއަން ރުފިޔާއަށް) - ފިނިޝިން މަސައްކަތް ނިންމާލުމަށް

އަދަދުތައް އެއްކޮށްލުމުން، އާސަހަރާ މިސްކިތުގެ މަސައްކަތަށް ޖުމްލަ 10.9 މިލިއަން ރުފިޔާ ހަރަދުވެއެވެ.

މިއަދު ނޫސްވެރިންނަށް އާސަހަރާ މިސްކިތުގެ އިމާރާތުގެ މަސައްކަތް ކުރިއަށްދާ ގޮތް ދައްކަވާލެއްވުމަށް ފަހު އެ ތަނުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އާޒިމް ވިދާޅުވީ، ކައުންސިލުން 60 ދުވަހުގެ ތެރޭ އާސަހަރާ މިސްކިތުގެ މަސައްކަތްތައް ނިންމާލުމަށް ކައުންސިލުން އަމާޒުހިފި ނަމަވެސް، އެކި ސަބަބުތަކާ ހުރެ މަސައްކަތް މަޑުޖެހިގެން ދިޔަ ކަމަށެވެ. އެގޮތުން އެންމެ ބޮޑު ދައްޗަކަށްވީ އިމާރާތުގެ ކުރެހުން އެއްކޮށް ނުނިމި މަސައްކަތް ފެށިގެން ދިއުމުން ކަމަށް އޭނާ ވިދާޅުވިއެވެ.

އާޒިމް އާސަހަރާ މިސްކިތުގެ ތެރޭ ނޫސްވެރިންނާ ބައްދަލުކުރައްވަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

އާޒިމް ވިދާޅުވީ، ޕީއެންޕީ އާ ހަވާލުކުރުމުން އެ ކުންފުނިން ރަނގަޅަށް މަސައްކަތްނުކުރުމުން ހަވާލުކުރީ ބީސިކްސް ކުންފުންޏާ ކަމަށާއި، ހައިމާން ކުންފުންޏާ ހަވާލުކުރަން ޖެހުނީ ބީސިކްސް އަށް ފިނިޝިންގެ މަސައްކަތް ހަވާލުނުކުރެވި އޮތުމުން ކަމަށެވެ.

އާސަހަރާ މިސްކިތް ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވި ހުޅުވިގެންދާއިރު ފެންނާނެ ބައެއް ބަދަލުތައް ވެސް އާޒިމް ހިއްސާކުރެއްވިއެވެ. އެގޮތުން އަންނާނެ ބަދަލުތަކެއް ކަމަށް އާޒިމް ވިދާޅުވީ:

  • ހިނަވާ އަށްޓެއް އިތުރުވެގެން ދިއުން
  • އަންހެނުން ނަމާދުކޮށް ވުޟޫކުރަން ވަކި ތަނަކާއި ފާޚާނާއެއް
  • ތަރައްގީކުރެވިފައިވާ ޒަމާނީ ފާޚާނާތަކެއް
  • ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ފަސޭހައިން ވަދެވޭ ގޮތް ވާނެ
އާސަހަރާ މިސްކިތުގެ މަސައްކަތް ކުރިއަށްދަނީ / ފޮޓޯ: އަހްމަދު އިޔާދު | ދަ ޕްރެސް

އާޒިމް ވިދާޅުވީ، މިސްކިތަށް ދިމާވެފައިވާ ފެން ފޭބުމުގެ މައްސަލަ ހައްލުކޮށް، އަމިއްލަ ހަރަދުގައި އާބާތުރަ ފިލުވައިދޭނެ ކަމަށް ހައިމާން ކުންފުނިން ބުނެފައިވާ ކަމަށެވެ.

އުންމީދުކުރެވެނީ އަންނަ އޮގަސްޓް މަސް ނިމުމުގެ ކުރިން މާލޭގެ އާސަހަރާ މިސްކިތުގެ މަސައްކަތް ނިމި ބޭނުންކުރެވޭ ގޮތް ހެދިގެން ދިއުން ކަމަށް، އޭނާ ވިދާޅުވިއެވެ.