މައުލޫމާތު ހޯދާ ލިބިގަތުމުގެ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެއެވެ.
ހީނާ ވިދާޅުވީ މި ގާނޫނު އިސްލާހު ކުރުމުގެ ހަމައެކަނި ބޭނުމަކީ އެ ގާނޫނު ތަންފީޒު ކުރުމުގައި ޑިމޮކްރެޓިކް ވެށްޓަކަށް ފެއްތުން ކަމަށެވެ. ނަމަވެސް ސަރުކާރުން އެ ގާނޫނަށް ގެންނަން ނިންމާފައިވާ އިސްލާހުތަކުގެ ތަފުސީލެއް މިހާތަނަށް ހިއްސާ ކޮށްފައެއް ނުވެއެވެ.
ހީނާ މިފަދައިން ވިދާޅުވެފައި ވާއިރު ރައީސް އޮފީހުން މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނަށް އަމަލުނުކުރާ މައްސަލަ ރަސްމީކޮށް ބަލައި ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ނިންމާފައިވާ ކަމަށް އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވަނީ ވިދާޅުވެފައެވެ.
އާހިދު ވިދާޅުވީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މައުލޫމާތު (އާރްޓީއައި) ހޯދަން ހުށަހެޅުމުން ގާނޫނަށް ރައީސް އޮފީހުން އަމަލު ނުކުރަނީ ކީއްވެ ކަމާއި އެކަމުގައި ޒިންމާވާން ޖެހޭ ފަރާތަކީ ކޮބައި ކަން ބަލާނެ ކަމަށެވެ.
އެންމެ ގިނައިން މައުލޫމާތު ހޯދަން މީހުން ހުށަހަޅާ އިދާރާއަކީ ރައީސް އޮފީސް ނަމަވެސް އެ އޮފީހުން މައުލޫމާތު ނުދިނުމާއި ހުށަހަޅާ ހުށަހެޅުންތަކާ މެދު އެއްވެސް އެއްޗެއް ނާންގާ މުއްދަތު ހަމަވެގެންދާ މައްސަލަތައް ވަނީ ފެންމަތިވެފައެވެ.
ނަމަވެސް ހީނާ ވިދާޅުވީ ރައީސް އޮފީހުގެ ސިޔާސަތަކީ ވީހާވެސް ހާމަކަން ބޮޑު ގޮތެއްގައި މައުލޫމާތު ހިއްސާކުރުން ކަމަށާއި އެކަމަށް ކުރެވެން ހުރި މަސައްކަތެއް ކުރަމުން ދާކަމަށެވެ.