ފަލަސްތީނަށް އެހީވުމަށް ކުރިއަށް ގެންދާ ޓެލެތޯންގައި ބެހެއްޓި ފަންޑު ފޮށްޓަށް ހެރިޓޭޖް މިނިސްޓްރީގެ ހުރިހާ މުވައްޒަފުންގެ އެއް ދުވަހުގެ މުސާރަ ހަދިޔާ ކޮށްފިއެވެ.
ވުޒާރާގެ ފަރާތުން މި އެހީ ފަންޑަށް ހަވާލުކޮށްދެއްވީ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމެވެ. މިނިސްޓަރާއެކު އެ މިނިސްޓްރީގެ ގިނަ މުވައްޒަފުން ބައިވެރިވެފައިވާއިރު، ޕީއެސްއެމްގެ ފަރާތުން މި އެހީއާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޒީނާ ޒާހިރެވެ.
ހެރިޓޭޖް މިނިސްޓްރިން ބުނީ، މި އެހީއަކީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށްޓަކައި 'ފަލަސްތީނާއެކު ދިވެހީން' ގެ ނަމުގައި ގައުމީ ފެންވަރުގައި މިއަދު ކުރިއަށްގެންދާ ހާއްސަ ޓެލެތޯންގައި މި ވުޒާރާ ބައިވެރިވުމުގެ ގޮތުން ހުރިހާ މުވައްޒަފުންގެ ފަރާތުން ދިން އެހީއެއް ކަމަށެވެ. އެހީ ހަވާލުކޮށްދެއްވުމަށް ފަހު މިނިސްޓަރު ވާހަކަ ދައްކަވަމުން ވިދާޅުވީ، ދިވެހީންނަކީ ކިތަންމެ ކުޑަ އާބާދީއެއް ނަމަވެސް ފަލަސްތީނުގެ ކެކުޅުންތައް ވަރަށް ފުންކޮށް އިހްސާސްކުރާ ބައެއް ކަމަށެވެ. އަދި ފަލަސްތީނަކީ ދިވެހިންނާ އަބަދުވެސް ގާތް އަހުވަންތަކަމެއް އޮންނަ ގައުމެއް ކަމަށާއި، މި ވުޒާރާ އުފެދުނު ފަހުން އެންމެ ފުރަތަމަ ބައްދަލުކުރެއްވި ބޭރުގެ ފަރާތަކަށް ފަލަސްތީނުގެ ސަފީރު ވީކަމީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިއަދު ހެނދުނު 08:00 އިން މިރޭ 12:00 އަށް ޓީވީއެމްގެ ސްޓޫޑިއޯއިން ލައިވް ކުރަމުންދާ މި ޓެލެތޯނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ރާއްޖޭގެ ގިނަ މީޑިއާތަކެއް ގުޅިގެން ބާއްވާ ޓެލެތޯނެކެވެ. މި ޓެލެތޯން ފައްޓަވައިދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނެވެ.
ޓެލެތޯން ފައްޓަވައި ދެއްވުމަށް ފަހު ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނަށް އެހީވުމުގެ މުހިންމުކަމަށް އަލިއަޅުއްވާލައްވައި، ވަކިން ހާއްސަކޮށް މިހާރަކީ ކުރިއަށްވުރެ ބޮޑަށް ފަލަސްތީނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިފައިވާ ދަނޑިވަޅެއްކަން ފާހަގަކުރައްވާފައެވެ. އަދި މުޅި އިސްލާމީ އުންމަތް ޝާމިލުވެގެން ކޮންމެ މުސްލިމެއްގެ ހައްގެއް، ޒިންމާއެއް އަދި މަސްއޫލިއްޔަތެއްގެ ގޮތުގައި ދެކިގެން ފަލަސްތީން ރައްޔިތުންނަށްޓަކައި ކޮށްދެވެން އޮތް ހުރިހާ މަސައްކަތެއް ކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ހުރިހާ ދިވެހި ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.
ފަލަސްތީނަށް އެހީވުމަށް ހާއްސަކޮށްފައިވާ އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ ދިހަ ގުނަ އިތުރުކޮށް، މިއަހަރުން ފެށިގެން 50 ހާސް ޑޮލަރު ހަދިޔާ ކުރަން ނިންމާފައިވާ ކަމުގައި ވެސް ސަރުކާރުން ވަނީ މިއަދު އިއުލާންކޮށްފައެވެ.