ފަލަސްތީނަށް އެހީވުމަށް އދ ގެ ރިލީފް ފަންޑަށް ދިވެހި ސަރުކާރުން ކޮންމެ އަހަރަކު ދެމުން އަންނަ ފައިސާގެ އެހީ 50،000 ޑޮލަރަށް އިތުރުކުރުމަށް ނިންމާފައި ވާކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ފޮރިން މިނިސްޓަރު މިފަދައިން ވިދާޅުވީ ރާއްޖެއިން ފަލަސްތީނަށް އެހީވުމަށް ކުރިއަށްގެންދާ ޓެލެތޯން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ޒަމީރު ވިދާޅުވީ ކުރަމުންދާ މަސައްކަތުން ލިބޭ ފައިސާ ހަވާލުކުރަން ރާވާފައިވަނީ ޔުނައިނެޑް ނޭޝަންސް ރިލީފް އެންޑް ވޯކްސް އެޖެންސީ ފޯ ފަލަސްތީން ރެފިއުޖީސް (އަންރުވާ) އާ ކަމަށާއި އެއީ ޔޫއެންއިން 1948 ވަނަ އަހަރު ފާސްކުރި ގަރާރަކުން ވުޖޫދަށް އައި ގޮތްޕެތް ކަމަށެވެ.
ޒަމީރު ވިދާޅުވީ މިދިޔަ އަހަރުތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން އެ ފަންޑަށް އެހީތެރިވެ ދީފައިވާ ކަމަށައި އެގޮތުން ކޮންމެ އަހަރަކު ރަމްޒީ އެހީއެއްގެ ގޮތުގައި 5000 ޑޮލަރު ވަނީ ދެމުން އައި ކަމަށެވެ. އެހެންނަމަވެސް މިދިޔަ އަހަރުގެ 7 އޮކްޓޯބަރުގެ ފަހުން އިޒުުރޭލުން ދެމުންދާ ހަމަލާތަކުން ފަލަސްތީނަށް ވެފައިވާ ގެއްލުންތަކުން އިތުރަށް އެހީވެދިނުމުގެ ގޮތުން އެ ފަންޑަށް ދައުލަތުގެ ފަރާތުން 50،000 ޑޮލަރުގެ އެހީއެއް ވުމަށް ރައީސް ނިންމަވާފައިވާ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އެއީ ކުރިން ދެމުން ގެންދިޔަ އެހީގެ އަދަދުގެ 10 ގުނަ ކަމަށެވެ.
ޒަމީރު ވިދާޅުވީ 1967 ވަނަ އަހަރުން ފެށިގެން އިޒުރޭލުން ހިފާފައިވާ ފަލަސްތީނުގެ ހުރިހާ ބިންތަކުން ފުރިހަމައަށް ޝަރުތެއް ނެތި އިޒުރޭލުން ފޭބުމާއި ފަލަސްތީނުގެ ރައްޔިތުން އަމިއްލަ އިހްތިޔާރު އޮތުން ފުރުސަތު ފަހިކޮށްދިނުމާއި އދ ގެ ސަލާމަތީ މަޖިލީހުގެ ގަރާރު 242 އަދި 338 މައްޗަށް ބިނާކޮށް އިރުމަތީ ގުދުސްއަކީ އެ ގައުމުގެ ވެރިރަށް ކަމަށް ކަނޑައަޅުމަކީ ދިވެހި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
އަމިއްލަ މިނިވަން އަދި އިސްތިގުލާލު އޮތް ދައުލަތެއް ގާއިމުކޮށް އިޒުރޭލުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުގެ އަމަލުތައް ހުއްޓުމެއް ނެތި ހިންގަމުންދާތީ އެކަން ރާއްޖެއިން ކުށްވެރިކުރާ ކަމަށްވެސް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ފަލަސްތީނުގެ ދައުލަތަކީ އދ ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް ޔޫއޭއީއިން ހުށަހެޅި ގަރާރު ދިވެހި ރާއްޖެއިން ކޯ ސްޕޮންސާ ކުރި ކަމަށެވެ. އަދި އެ ގަރާރު މޭ 10 ވަނަ ދުވަހު އދ ގައި އާންމު މަޖިލީހުން ފާސްކޮށްފައިވާ ކަމަށާއި ގަރާރު އެންމެ ފުރަތަމަ ކޯ ސްޕޮންސާ ކުރި ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ އެ ގަރާރުގައި ފަލަސްތީނުގެ ދައުލަތަކީ އދ ގެ މެންބަރުކަމެއް ގޮތުގައި ޝަރުތު ހަމަވާ ދައުލަތެއްގެ ގޮތުގައި ކަނޑައަޅާ ސަލާމަތީ މަޖިލީހުން އެކަން ބަލައިގަތުމަށް ލަފާދީފައިވާ ކަމަށެވެ. އަދި 10 ޖޫން ގައި އދ ގެ ސަލާމަތީ މަޖިލީހުން ފަލަސްތީނުގައި ހިންގަމުންދާ ހަނގުރާމަ ހުއްޓާލަން ގަރާރެއް ފާސްކޮށްފައިވާ ކަމަށާއި އދ ގެ ސަލާމަތީ މަޖިލީހުން އެ ނިންމުން ދިވެހި ރާއްޖެއިން ތާއީދުކޮށް މަރުހަބާ ކިޔާފައިވާނެ ކަމަށް ޒަމީރު ވިދާޅުވިއެވެ.