އިމާމުވެ ހުކުރު ނަމާދާއި ކޭތަ ނަމާދުކުރުމުގެ ވަގުތީ ހުއްދަ ގްރޭޑް 6 އިން މަތީގައި ކިޔަވަ ކުދިންނަށް ދިނުމަށް ނިންމާ، އަުސޫލު ބަދަލުކޮށްފިއެވެ.

އިސްލާމިކް މިނިސްޓްރީން އާއްމުކުރި އުސޫލުގައިވާ ގޮތުން ވަކި ހާއްސަ ހާލަތުތަކެއްގައި ގްރޭޑު 6 އިން މަތީގެ ކުދިންނާ އަދި އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ހުކުރު ނަމާދާ، ކޭތަ ނަމާދުކުރަން އެއް މަސް އަދި ހަ މަސް ދުވަހުގެ ވަގުތީ ހުއްދައެއް ދެވޭނެއެވެ.

މިނިސްޓްރީގެ އުސޫލުގައިވާ ގޮތުން އިމަމުވެ ނަމާދުކުރެވޭނެ ހާލަތްތަކަކީ އިމާމުވެ ހުކުރު ނަމާދާ ކޭތަ ނަމާދުކުރާނެ އެއްވެސް މީހަކު ނެތް ނަމަ ގާބިލް މީހަކަށް ހުއްދަ ހޯދުމަށް އެދި ކަމާގުޅޭ އިދާރާއަކުން ހުށަހެޅުމުން އެ މީހަކަށް 6 މަސް ދުވަހަށް ވުރެ އިތުރު ނުވާނެ ހުއްދައެއް ދިނުމެވެ. އަދި އެ ނަމާދުތައް ކުރަން ހުއްދަ އޮތް މީހަކު ބަލިވެއްޖެ ނަމަ އެހެން މީހަކަށް އެއް މަސް ދުވަހުގެ މުއްދަތަށް ވަގުތީ ހުއްދައެއް ދެވޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން އެ އުސޫލުގައިވާ ގޮތުން، މި ހާލަތްތަކުގައި 65 އަހަރުން މަތީގެ މީހުންނަށް ވަގުތީ ހުއްދަ ދޫކުރާނީ އެ މީހަކަށް ސިއްހީ ގޮތުން ޒިންމާ އަދާކުރެވޭ ވަރުގެ ގާބިލްކަން ހުރި ނަމައެވެ. އަދި ގްރޭޑު 6 އިން ފެށިގެން މަތީ ގްރޭޑުތަކުގެ ކުދިންގެ ތެރެއިން ރީތިކޮށް ގުރުއާން ކިޔަވާ އަދި ނަމާދުގެ ހުކުމްތައް އެނގޭ ކުދިންނަށް ތަމްރީނު ދިނުމުގެ ބޭނުމުގައި ވަގުތީ ހުއްދަ ދޫކުރެވޭނެކަމަށް މި އުސޫލުގައިވަނީ ބަޔާންކޮށްފައެވެ.