އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅަކީ ދިވެހިރާއްޖެއަށް ވަރަށް ކާމިޔާބު ދަތުރުފުޅެއްކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، މި ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިންން، އިންޑިއާގައި ހުންނަވާ ދިވެހިރާއްޖޭގެ ގައުމީ މީޑިޔާ (ޕީއެސްއެމް)އަށް ދެއްވި ބަސްދީގަތުމެއްގައެވެ

ރައީސް ވިދާޅުވީ ދެ ގައުމުގެ އެކުވެރި ގާތް ގުޅުމުގެ ތެރެއިން ކަންކަން ފަހިވެގެން ދާނީ ދިވެހިރާއްޖެއަށް އަދި ދިވެހިންނަށް ހެވާއިލާބަ ލިބޭ ގޮތަށް ކަމަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ދެ ގައުމުގެ ގުޅުމުގެ ތެރެއިން ރަނގަޅު ކަންތައްތަކެއް ހަމަޖެހިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނަށް ދައުވަތު ދެއްވީތީ އުފާކުރައްވާކަން ފާހަގަ ކުރައްވާ ރައީސް ވަނީ އެކަމަށްޓަކައި އިންޑިއާގެ ބޮޑުވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ. ރައީސް މުއިއްޒުއާއެކު ރަނގަޅު މަޝްވަރާތަކެއް ކުރެވުނު ކަމަށް އިންޑިއާގެ ހާރިޖީ ވަޒީރު ސުބްރަމާނިޔަމް ޖައިޝަންކަރު ވެސް ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ވަޑައިގެންނެވީ އިންޑިއާގެ ބޮޑުވަޒީރާއި އިންޑިއާ ސަރުކާރުގެ ކައުންސިލް އޮފް މިނިސްޓާސް ހުވާކުރެއްވުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް އިންޑިއާގެ ބޮޑުވަޒީރު އެމަނިކުފާނަށް އެރުވި ދައުވަތަކަށެވެ.