ގާ ހުދުވުމުގެ މައްސަލަ ދިމާވާތީ މަޑުޖައްސާލި 200 މަޝްރޫއޫގެ މަސައްކަތް މިހާރު ފެށޭނެކަމަށް ތިމާވެށްޓާ ބެހޭ ވަޒީރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ކަނޑުތަކުގެ ލޮނުގަނޑުގެ ހޫނުމިން މަތިވެ ފަރުތަކުން ގާ ހުދުވަމުން ދާތީ، ޖުލައި 10 ގެ ނިޔަލަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން މަޝްރޫއުތަކަށް ދޫކުރާ ހުއްދައިގެ ދަށުން ބިން ހިއްކުމާ އަދި ފަރުމަތީގައި މަސައްކަތް ކުރުން ވަގުތީ ގޮތުން ހުއްޓާލުމަށް ވަނީ އަންގާފައެވެ.
ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެމުން ތޯރިގް ވިދާޅުވީ ވޭތުވެދިޔަ އެއް މަސް ދުވަހުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާ ހުދުވުމުގެ މައްސަލަ ވަރަށް ބޮޑަށް ދިމާވެފައިވާ ކަމަށެވެ.
މިހާރު ކަނޑުގެ ލޮނުގަނޑުގައި ހުރި ހޫނު މިން ދަށްވަމުންދާ ކަން ފާހަގަކޮށް ގާތަށް ހުދުވުންވެސް މަޑުޖެހެމުން އަންނަ ކަމަށް ތޯރިގް ވިދާޅުވިއެވެ. އެހެންކަމުން ހުއްޓާލި މަޝްރޫއުތައް ފެށުމުގެ ހުއްދަ އީޕީއޭއިން މިހާރު ދީފައިވާކަމަށް ތޯރިގް ވިދާޅުވިއެވެ. އަދި އޭގެ ތެރެއިން ބައެއް މަޝްރޫއުތައް މިހާރު ފަށާފައިވާކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.
ގާ ހުދުވުމުގެ މައްސަލަ އާއި ގުޅޭ ގޮތުން ވާހަކަދައްކަމުން ތޯރިގް ވިދާޅުވީ ގާ ހުދުވަނީ ކަނޑުގެ ލޮނުގަނޑު ހޫނުވުމުގެ ސަބަބުން ގާތަކަށް އޮކްސިޖަން ނުލިބުމުގެ ސަބަބުން ކަމަށެވެ. ފަޅުތަކުގައި އިތުރު މަޝްރޫއުތައް ހިންގާނަމަ ގާ ހުދުވުމުގެ މައްސަލަ ދިމާވާނެކަން ފާހަގަކޮށް ތޯރިގް ވިދާޅުވީ ގާ ހުދުވުން ހުއްޓުވުމަށް ސަރުކާރަށް އެޅޭނެ ފިޔަވަޅަކީ ފަޅުތަކުގައި ހިންގާ މަޝްރޫއުތައް ވަގުތީގޮތުން ހުއްޓާލުން ކަމަށެވެ.