ސަރަހައްދީ ސުލްހައާއި ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެއެވެ.
މޯދީ މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
މޯދީ ވިދާޅުވީ ތިންވަނަ ދައުރުގައިވެސް އިންޑިއާއިން ގައުމުތަކާ އޮންނަ ގާތްގުޅުން މެދުވެރިކޮށް ސަރަހައްދުގެ އަމާންކަމާ ކުރިއެރުމާ ތަނަވަސްކަމަށް މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި އެގޮތުން ދޭދޭ ގައުމުތަކުގެ ރައްޔިތުންނާއި ގާތް ގުޅުންތައް ބަދަހިކުރުމަށް މޯދީ ވަނީ ގޮވާލައްވާފައެވެ.
އެ ބައްދަލުވުމުގައި ރައީސް މުއިއްޒު ވަނީ އިންޑިއާގެ ނެއިބާހުޑް ފަސްޓް ޕޮލިސީއާއި ސަގާ ވިޝަންގެ ޔަގީންކަންދެއްވާފައެވެ.
ތިންވަނަ ދައުރަށް މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ރައީސް މުއިއްޒު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންޑިއާގެ ސަރުކާރުގެ އިސްވެރިންނާ ގެންދަވަނީ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާއި އިންޑިއާގެ ރައީސް ދުރޫޕަދީ މުރުމޫއާ ވަނީ ބައްދަލުކުރައްވާފައެވެ. އަދި ރައީސްދެއްވި ރަސްމީ ޖާފަތުގައި ވެސް ރައީސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ޕާކިސްތާނާއި އަފްޣާނިސްތާންގެ ވެރިން ފިޔަވައި ސާކު ގައުމުތަކުގެ އިސްވެރިން ވަޑައިގަތެވެ.