އއ. ތޮއްޑޫގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.

އެ ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އއ. ތޮއްޑޫ ބްރައިޓް އަންހެނުން މަގު ބޭރު ހޭޅިފަށުގައި އަލިފާން ރޯވި ކަމުގެ މައުލޫމާތު އެ އިދާރާއަށް ލިބިފައި ވަނީ ރޭ 9:29 ހާއިރު ކަމަށެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށް ފުލުހުން ވަނީ މައުލޫމާތު ދީފައެވެ.

އަދި މައްސަލައާ ގުޅިގެން 45 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ފުލުހުން ހިއްސާކޮށްފައި ނުވާއިރު ދާދިފަހުން އެ ރަށުގައި ވަނީ ދަނޑުބިންތަކުގެ މައްސަލައިގައި މުޒާހަރާވެސް ކޮށްފައެވެ. ނަމަވެސް އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ އެ މައްސަލައާ ގުޅިގެން ކަމެއް ސާފެއް ނޫނެވެ.

އެ ރަށުގެ ދަނޑުބިން ދޫކުރާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ބައެއް ދަނޑުވެރިން ހިތްހަމަނުޖެހުން ފާޅުކޮށް މި މަހުގެ 5 ވަނަ ދުވަހު ވަނީ އެރަށު ކައުންސިލް ކައިރިއަށް އެއްވެ މުޒާހަރާކޮށް ކައުންސިލްގެ އިދާރާއަށްވެސް ވަނީ ގެއްލުންދީފައެވެ. އެ މައްސަލައިގައި ފުލުހުން ވަނީ މިއަދު 8 މީހަކު ހައްޔަރުކޮށްފައެވެ.