އއ. ތޮއްޑޫ ކައުންސިލް އިދާރާއަށް ގާ އުކާ ހަމަނުޖެހުން ހިންގި 8 މީހަކު ހައްޔަރުކޮށްފިއެވެ.
އެ ރަށުގެ ދަނޑުބިން ދޫކުރާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ބައެއް ދަނޑުވެރިން ހިތްހަމަނުޖެހުން ފާޅުކޮށް މި މަހުގެ 5 ވަނަ ދުވަހު ވަނީ އެރަށު ކައުންސިލް ކައިރިއަށް އެއްވެ މުޒާހަރާކޮށްފައެވެ. އަދި އެދުވަހު ފުލުހުންނާއި އާންމުންނާ ހިނގި ކުރިމަތިލުމެއްގައި ފުލުހަކަށް އަނިޔާވެ ފަރުވާވެސް ދީފައި ވެއެވެ.
އެކަމާ ގުޅިގެން ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް އޭރު ވިދާޅުވީ، ކައުންސިލުން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ލޭންޑް ޔޫޒް ޕްލޭނާއި، ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގެ ތެރެއިން ބިމެއް، 15 އަހަރުގެ މުއްދަތަށް ދޫކުރަން ފާސްކުރި ކަމަށެވެ.
ނަމަވެސް "އެ މަރުހަލާއެއް ނިމިފަ އޮއްވާ ބިން ދޫކުރާ ހިސާބަށް ދިޔަ ތަނުން ރަށުތެރޭގެ މަދުބަޔަކު ނުކުމެ މުޒާހަރާކޮށް ޑިމާންޑުކުރަނީ، އަލުން ވޯޓަކަށް ދާން އެ މީހުން ބޭނުމެއް ނުވެޔޭ ދިގު މުއްދަތަކަށް،" ކަރަމް ވަނީ ވިދާޅުވެފައެވެ.
މި މައްސަލައިގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ، ތޮއްޑޫ ކައުންސިލް އިދާރާގެ ފުރާޅަށް ގާ އުކާ ހަމަޖެހުން ހިންގި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން އަށް މީހުން މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ.އަދި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
ދަނޑުވެރިން ތުހުމަތުކުރާ ގޮތުގައި ރަށުގެ ދަނޑުބިންތައް ދަނޑުވެރިން އަތުން ކައުންސިލުން އަތުލަން ވަނީ ނިންމާފައެވެ. ތޮއްޑޫގެ ގޮއިބިން ހިމެނޭ ސަރަހައްދުން ދަނޑުވެރިކަން ކުރަން ދިން މުއްދަތު ހަމަވެ 3 މަސްވެގެން ދިޔައިރު ވެސް ކައުންސިލުން ބިންތައް ދޫކޮށްފައި ނުވާ ކަމުގެ ތުހުމަތު ވަނީ މުޒާހަރާގެ ބައިވެރިން ކޮށްފައެވެ.