ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި ސިފަ ކުރާ އިންޑިއާގެ ބޮޑުވަޒީރު ކަމުގެ 3 ވަނަ ދައުރު, ބޮޑުވަޒީރު ނަރެންދްރަ މޯދީ ކާމިޔާބު ކުރައްވައި މިއަދު ރަސްމީކޮށް ހުވާ ކުރައްވައިފިއެވެ.

'މޯދީ 3.0' ގެ ގޮތުގައި އިންޑިއާގެ މީޑިއާތަކުން ލޭބަލް ކުރާ އިރު 3.0 ރަމްޒު ކޮށްދެނީ 3 ވަނަ ދައުރަށެވެ.

މޯދީ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ރާޝްތްތަޕަތީ ބަވަން ގައި މިއަދު އިރުއޮއްސި 7 ޖެހި އިރު ބާއްވާފައި ވާ އިރު އެ ރަސްމިއްޔާތަށް ހާއްސަ ދައުވަތެއްގެ ގޮތުގައި އިންޑިއާ އާ އަވަށްޓެރި ގައުމުތަކުގެ ވެރިން ވަނީ ގެންގޮސްފައެވެ. އޭގެ ތެރޭގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުވެސް ހިމެނިވަޑައިގަންނަވައެވެ. ނަމަވެސް ޕާކިސްތާނަކަށް ދައުވަތެއް ނުދެއެވެ.

ޕާކިސްތާނާއި އިންޑިއާ އަކީ ބިމުގެ ގޮތުން ގުޅިފައި އޮތް 2 ގައުމު ނަމަވެސް ދެގައުމުގެ ދެމެދުގައި ޒަމާނުންސުރެ ހިނގަމުން އަންނަ ސިޔާސީ ވާދަވެރިކަމާއި ދެކޮޅުވެރިކަމުގެ ސަބަބުން ދައުވަތު ދީފައި ނުވާއިރު ސްރީލަންކާ, ބަންގްލަދޭޝް, ބޫޓާން އަދި ނޭޕާލްގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ. މި ރަސްމިއްޔާތަށް ސާކުގައި ހިމެނޭ އަފްގާނިސްތާންވެސް ނުގެނެއެވެ.

ނިމިދިޔަ އިންތިހާބުގައި މޯދީގެ ޕާޓީއަށް ހީކުރިވަރާ ގާތަށް ވެސް ވޯޓު ލިބިފައި ނުވާއިރު މޯދީގެ 3 ވަނަ ދައުރު ކުރިއަށް ގެންދަވަން ޖެހިވަޑައިގެންފައި ވަނީ ކޯލިޝަން ޕާޓުނަރުންގެ ގޮތުގައި ބޯޖޭޕީގެ ގައުމިއްޔަތު އެޖެންޑާއަށް ތާއީދު ނުކުރާ އެހެނަސް އެކޯލިޝަނުގައި ހިމެނޭ ޗަންދަރަބާބޫ ނައިޑޫ އާއި ނިތިޝް ކުމާރު ވެސް ހިމަނައިގެންނެވެ.

މުރާސިލުން ބުނާގޮތުން މޯދީއަށް ސަރުކާރު ހިންގެވުމުގައި އެންމެ ބޮޑު ގޮންޖެހުމަކާ ކުރިމަތިވެވަޑައިގަންނަވާނީ މި 2 ލީޑަރުންގެ ފަރާތުންނެވެ. މީގެ ކުރިން 1996 ގައި ބީޖޭޕީއަށް ވެރިކަން ލިބި ބޮޑުވަޒީރަކަށް އަޓަލް ބިހާރީ ވާޖްޕައީ ހުންނެވި އިރުވެސް މިހާރު އޮތްފަދަ ހާލަތެއް މެދުވެރިވެ ވެރިކަން ދެމެހެއްޓެވުނީ އެންމެ 13 ދުވަހަށެވެ.

މޯދީގެ ސަރުކާރުގައި 72 ވަޒީރުން ހިމެނޭ އިރު އޭގެ ތެރޭގައި ކުރިން ވަޒީރުންގެ ގޮތުގައި ތިއްބެވި ބައެއް ބޭފުޅުންވެސް ހިމެނެއެވެ. އެގޮތުން އިންޑިއާގެ މިހާރުގެ ހާރިޖީ ވަޒީރު ޑރ. ސުބްރަމާނިއަން ޖައިޝަންކަރު ފާހަގަ ކޮށްލެވެއެވެ. ކެބިނެޓުގެ 72 ގެ ތެރެއިން 39 ބޭފުޅުންނަކީ ކުރިންވެސް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި މެންބަރުންނެވެ. 11 ބޭފުޅުން ހިމެނެނީ ބީޖޭޕީގެ ކޯލިޝަން ޕާޓީތަކުންނެވެ.

މޯދީގެ އިތުރުން އިންޑިއާގެ މިނިވަންކަމުގެ ބާނީ ޖަވާހިރުލާން ނެހުރޫ ވަނީ ވިދިވިދިގެން 3 ދައުރު ފުރިހަމަ ކުރައްވާފައެވެ. އެގޮތުން 1947 ގައި އިންޑިއާ މިނިވަން ވުމާއެކު ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ގޮތަށް ޖުމްލަ 3 ދައުރުން 1964 ގައި އަވަހާރަވެވަޑައިގަންނަވަންދެން 15 އަހަރު ހަމަކުރައްވާފައި ވެއެވެ. އޭނާ އަށް ފަހު ދަރިކަނބަލުން އިންދިރާ ގާނދީ އާއި އެކަމަނާގެ ދަރިކަލުން ރަޖީވް ގާނދީވެސް އިންޑިއާގެ ބޮޑުވަޒީރުކަން ކުރައްވާފައި ވެއެވެ.

3 ދައުރާއެކު މޯދީ ރެކޯޑް ހެއްދެވި އިރު މޯދީގެ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އިދިކޮޅު ލީޑަރެއްގެ ގޮތުގައި އިދިކޮޅު ފަރާތްތަކުން މިހާރު ކަނޑައަޅާފައި ވަނީ ނިމިދިޔަ އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ ވޯޓު ހޯދީ ކޮންގްރެސްގެ ލީޑަރު އަދި ރަޖީވް ގާނދީގެ ދަރިކަލުން ރާހޫލް ގާނދީއެވެ.