ރ. އުނގޫފާރުގައި ކަރަންޓުގައި ޖެހިގެން ހާލު ސީރިއަސްވެ އުމުރުން 18 އަހަރުގެ ޒުވާނަކު ނިޔާވި ހާދިސާގައި އިހުމާލުވި ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މި ހާދިސާގެ ތަހުގީގު އަދި ނުނިމޭ ކަމަށާއި މައްސަލަ ބަލައި އިހުމާލުވެފައިވާ ފަރާތްތަކަށް ފިޔަވަޅު އަޅާނެ ކަމަށެވެ. މި ދިޔަ މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި މަގުމަތީގައި ކުޅެން އުޅުމުގެ ތެރޭގައި ކަރަންޓުގައި ޖެހުނު ކުއްޖަކު ސަލާމަތް ކުރުމަށް މަސައްކަތްކުރި 18 އަހަރުގެ ފިރިހެން މީހާއަށް ފަރުވާދީފައި ވަނީ ރީޖަނަލް ހޮސްޕިޓަލްގެ އައިސީޔޫގައެވެ.

ކަރަންޓުގައި ޖެހުނު 12 އަހަރުގެ އަންހެން ކުއްޖާއާއި 8 އަހަރުގެ ފިރިހެން ކުއްޖާގެ އިތުރުން 18 އަހަރުގެ ޒުވާނަކު އެ ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ އެ ދުވަހުގެ މެންދުރުފަހު 1:40 ހާއިރެވެ. އެ ދެ ކުދިންނަށް ފަރުވާ ދިނުމަށްފަހު އެ ދުވަހު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ.

ނަމަވެސް ޒުވާނާގެ ހާލު ސީރިއަސްވެ މިދިޔަ މަހުގެ 26 ވަނަ ދުވަހު އިތުރު ފަރުވާއަށް މާލެ ގެނެސް އައިގީއެމްއެޗްގައި ފަރުވާ ދެމުންދިޔައީ އައިސީޔޫގައެވެ. ނަމަވެސް އޭނާގެ ހާލު މާ ބޮޑު ކުރިއެރުމެއް އައިސްފައި ނުވާއިރު އެ ޒުވާނާ ނިޔާވެފައި ވަނީ މި މަހުގެ 8 ވަނަ ދުވަހު އެވެ.

އެ ހާދިސާ ހިނގާފައި ވަނީ ވިއްސާރަވެގެން ބައްތިއަށް ކަރަންޓް އައިސްފައި ހުރެގެންނެވެ.