ހިދުމަތް ފޯރުކޮށްދިނުމުގައި ޒަމާނީ އުސޫލުތައް ހަމަޖެހިފައިވުމަކީ ފަހުރުވެރިވުން ހައްގު ކާމިޔާބީއެއް ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިފަދައިން ވިދާޅުވީ "ދިވެހި ސިވިލްސާވިސް ކޮންޕަރެންސް 2024" ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަދައްކަވަމުންނެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަދި ސަރުކާރު ހިންގުމުގައި ކޮންމެ ޒަމާނަކުވެސް އެ ޒަމާނަކާ ގުޅޭ އަދި ތަހުޒީބު އުސޫލުތަކަކާއި އިންތިޒާމުތަކެއް ރާއްޖޭގައި ހުރީ ހަމަޖެހިފައި ކަމަށާއި މިއީ ދިވެހި ތާރީހުން ފެންނަން އޮތް އެންމެ ފަހުރުވެރިވުން ހައްގު ކާމިޔާބީއެއް ކަމަށެވެ.
2007 ވަނަ އަހަރު ރާއްޖޭގައި ވަކި މުވައްސަސާއެއްގެ ގޮތުގައި ވަކި ގާނޫނެއްގެ ދަށުން ސިވިލް ސާވިސްގެ ހިދުމަތް އުފެދިގެން ދިޔަ ކަން ފާހަގަކުރައްވާ ނައިބު ރައީސް ވިދާޅުވީ އޭރު އުފެދުނު ސިވިލް ސާވިސް ކޮމިޝަން މިއަދާ ހަމައަށް އައި އިރު ފެންނަނީ ޒަމާނާ ގުޅޭ ވަރަށް ހެޔޮ ބަދަލުތަކަކާ އެކު އޮތް މިނިވަން މުވައްސަސާއެއްގެ ގޮތުގައި ކަމަށާއި މިދިޔަ 17 ވަރަކަށް އަހަރުގެ ރާސްތާއިން ފެންނަނީ ހިދުމަތްތެރިން ބިނާކުރުމާއި ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމުގައި ވަރަށް ކާމިޔާބު ވަރަށް އީޖާބީ މަސައްކަތްތަކެއް ދިވެހި ސިވިލް ސާވިސް އިން ކުރައްވާފައިވާތަން ކަމަށެވެ.
ނައިބު ރައީސް ވިދާޅުވީ މިއަދު މި ފެށޭ ސިވިލް ސާވިސް ކޮޕަރެންސްއަކީ ގައުމަށާއި ރައްޔިތުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް މި މުވައްސަސާއިން ސިލްސިލާކޮށް ކުރަމުންގެންދާ މުހިއްމު މަސައްކަތެއް ކަމަށާއި އެކި އެކި ސަބަބުތަކާ ހުރެ ފަސް އަހަރު މެދުކެނޑުމެއް ފަހު ދެ އަހަރުން އެއް އަހަރު ބާއްވަން އަލުން ފެށުމަކީ އުފާކުރާ ކަމެއް ކަމަށެވެ.
އޭރުގައި އޮންނަ ސަރުކާރުގެ އަމާޒުތަކަށް ގައުމު ގެންގޮސްދީ ރައްޔިތުންނަށްވެފައިވާ ވައުދުތައް ފުއްދައިދޭން މަސައްކަތް ކުރާ އެއް ބަޔަކީ ސިވިލް ސާވިސް ކަމަށާއި ކޮންމެ ސަރުކާރެއްގެވެސް އަމާޒުތައް ހާސިލްކޮށްދިނުމަށް ގައުމީ ލޯބީގައި ވަރަށް މުރާލިކަމާއި ޖޯޝާއެކީގައި އައްސަރިބަހާއި ސާބަސް ތަކުރާރުކުރަން ޖެހޭނެ ބޮޑެތި ހިދުމަތްތަކެއް ސިވިލް ސާވިސްއިން ކުރަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ރައްޔިތުންނަށް ހިދުމަތްކުރުމަކީ ވަރަށް ކެތްތެރިކަމާއި ވަރަށް ހިކުމަތްތެރިކަމާއި ވަރަށް ކަމޭހިތުމާއެކު އަދާކުރަން ޖެހޭ ވަރަށް ބޮޑު ޒިންމާއެއް ކަމަށާއި ސަރުކާރުގެ ކޮންމެ ވުޒާރާއަކާއި ކޮންމެ އޮފީހަކުންވެސް އެއްވެސް ދައްޗެއް ނެތި ފަސޭހަކަމާއެކު ހިދުމަތް ލިބެން ކޮންމެ ރައްޔިތަކު ވެސް ބޭނުންވާނެ ކަމަށެވެ. އަދި ހިދުމަތްކަށް އެދި ސަރުކާރުގެ ގިނަ އިދާރާތަކަށް ދާ ރައްޔިތުން ކޮންމެ ދުވަހަކުވެސް އިސްތިގުބާލުކުރަން ތިބޭނީ ސިވިލް ސާވިސް މުވައްޒަފުން ކަމަށާއި ރައްޔިތުންގެ އަޑު އަހަން ސުވާލުތަކަށް ޖަވާބުދާރީވުމާއި ކަންކަން ފަހިކޮށްދިނުމާއި ހަލުވިކޮށްދިނުމާއި މަގުދައްކަން ތިބޭނީ އެ މުވައްޒަފުން. ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވަނީ ކިއުގައި ޖެހިގެން ހިދުމަތް ހޯދަން އެތައް އިރަކު ތިބެން ޖެހުން ފަދަ ކަންކަމީ މި ޒަމާނުގެ ޓެކްނޮލޮޖީއާއެކު ހައްލު ހޯދޭނެ ކަންކަން ފާހަގަކުރައްވާ އޮފީސް ދޮށަށް ނުގޮސް ގޭގައި އިދެގެން އޮންލައިންކޮށް ހިދުމަތް ލިބެން ޖެހޭ ކަމަށް ވިދާޅުވެފައެވެ.