އެމްޑަބްލިޔުއެސްސީ އިން ނެޝަނަލް ސެންޓާ ފޯ ދަ އާޓްސް (އެންސީއޭ)އާ ގުޅިގެން ދުނިޔޭގެ ތިމާވެށީގެ ދުވަހާއި ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން "ފެނުން ދިރުން"ގެ ނަމުގައި ކުރެހުމުގެ މުބާރާތެއް އިފްތިތާހް ކޮށްފިއެވެ.

ރޭ ސަލްޓަން ޕާކުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މުބާރާތް އިފްތިތާހް ކޮށްދެއްވީ ޔޫތު މިނިސްޓަރު އިބްރާހީމް ވަހީދު އަދި އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދުއެވެ.

މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަކުން އެންމެ މޮޅު ތިން ކުރެހުމަކަށް ވަނީ ފައިސާގެ އިނާމުތަކެއް ކަނޑައަޅާފައެވެ. އެގޮތުން 1 ވަނަ އަށް ހޮވޭ ފަރާތަށް 50,000 ރުފިޔާ، 2 ވަނަ އަށް ހޮވޭ ފަރާތަށް 35،000 ރުފިޔާ އަދި 3 ވަނަ އަށް ހޮވޭ ފަރާތަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެން ދާނެއެވެ.

މީގެ އިތުރުން އެންމެ މޮޅު ފަސް ކުރެހުމެއް ހޮވައި އެ ކުރުހުންތަކަށް ވެސް 5،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ. އެމްޑަބްލިޔުއެސްސީއިން ބުނީ މި 5 ކުރެހުން ހޮވިގެން ދާނީ އާންމުންގެ މެދުގައި އެންމެ މަގުބޫލު 5 ކުރެހުމަށް ބެލުމަށް ފަހުގައި ކަމަށެވެ.

"ފެނުން ދިރުން" ކުރެހުމުގެ މުބާރާތް އިންސާފު ކުރުމަށް ހަމަޖެހިފައިވަނީ އެންސީއޭ އިން އެކުލަވާލައިފައިވާ ކުރެހުމުގެ ދާއިރާއިން ފުންނާބު އުސް ފަނޑިޔާރުންގެ ޕެނަލްއަކުން ކަމަށް އެމްޑަބްލިޔުއެސްސީއިން ބުނެއެވެ.

މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު، 18 އަހަރުން މަތީ ކޮންމެ ބޭފުޅަކަށްވެސް ވަނީ ހުޅުވާލެވިފައެވެ. އެގޮތުން މި މުބާރާތުގެ ވެބްސައިޓް މެދުވެރިކޮށް ރަޖިސްޓާ ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މި މުބާރާތުގައި ބައިވެރިކުރާ ކުރެހުންތަައް އާންމުންނަށް ދައްކާލުމަށްޓަކައި ނެޝަނަލް އާޓްސް ގެލަރީގައި ހާއްސަ މައުރަޒެއް އަންނަ ޖުލައި މަހުގެ 27 އިން 30 އަށް ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ މި މުބާރާތުގަައި ބައިވެރި ކުރެވޭ ކުރެހުންތައް އާންމުންނަށް ގަތުމަށް ހުޅުވާލައި ކުރެހުންތައް ވިއްކުމުގެ ފުރުސަތުވެސް އެގްޒިބިޝަންގައި ހުޅެވިގެން ދާނެ ކަމަށެވެ. އަދި ކޮންމެ އާޓިސްޓަކަށް ކުރެހުމުގެ އަގުގެ 15 ޕަސެންޓު ލިބިގެންދާނެ ކަމަށާއި ބާކީ 85 ޕަސެންޓު ބޭނުން ކުރެވޭނީ ކުރެހުންތެރިންގެ ނަމުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގަސް އިންދުމަށް ކަމަށް އެ ކުންފުނިން ބުނެއެވެ.

އަމާޒަކީ ދެމެހެއްޓެނެވި ގޮތެއްގައި މުޖުތަމައަށް ފައިދާ ކުރުވާފަދަ ހަރަކާތްތަކެއް ހިންގުން ކަަމަށާއި މި ފަދަ ހަރަކާތްތަކުން ފަރުދީ ޒިންމާ އިތުރުވެ ފަހި މާދަމާ އަކަށް މަގުފަހިވެގެންދިއުން ކަމަށް އެމްޑަބްލިޔުއެސްސީއިން ވަނީ ބުނެފައެވެ.