ދިވެހި ކަނޑުގައިވާ ރޯއްޖާއި ހަޒާނާއަކީ ތިޔާގި އިގްތިސޯދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށް ރައީސުލްޖޫމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވެފައި ވަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.

އެގޮތުން ދުނިޔޭގެ ޗާޓުގައި ދިވެހި ކަނޑުތައް އޮތް ސަރަހައްދުގެ މުހިންމުކަމާ، އެކަނޑުތަކުގެ ގުދުރަތީ ނަލަކަމާ، އެކަނޑުތަކުގައިވާ ރޯއްޖާއި ހަޒާނާތަކަކީ، ދިވެހީންގެ ތިޔާގި އިގްތިސާދަކަށް އޮތް އެންމެ ބޮޑު އުންމީދު ކަމަށް އެ ޕޯސްޓުގައި ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ ކަނޑުތަކުގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ގިނަ ހަރަކާތްތަކެއް އަންނަނީ ކުރިޔަށްގެންދަމުންނެވެ. އެގޮތުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުއިޒް މުބާރާތެއް ކުރިޔަށްގެންދިއުމާއި "ކަނޑުފަޅަށް ލޯ ހުޅުވަމާ"ގެ ނަމުގައި މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން މައުލޫމާތު ސެޝަނެއް ކުރިޔަށްގެންދިއުމާއި ކުޑަކުދިންނަށް އަމާޒުކޮށްގެން "ޑިސްކަވާ ޑައިވް" ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމާއި "އެންމެން މޫދަށް"ގެ ނަމުގައި މޫދަށް އެރުމުގެ ހަރަކާތެއް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިޔަށްގެންގޮސްފައިވެއެވެ.

މީގެ އިތުރުންވެސް "ކަނޑުރޯދި އުފާ ފެސްޓިވަލް"ގެ ނަމުގައި ހުޅުމާލޭގައި ކުރިޔަށްގެންދާ ހަރަކާތާއި މި ނޫންވެސް މިދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިޔަށްގެންދާ އެކިއެކި ހަރަކާތްތައް ފާހަގަކޮށްލެވެއެވެ.

މިއަހަރުގެ ދުނިޔޭގެ ކަނޑުތަކުގެ ދުވަހަށް ކަނޑައަޅާފައިވާ ޝިއާރަކީ "ކަނޑުތަކާއި މޫސުމަށް ހެޔޮ ބަދަލުގެނައުމުގެ މަސައްކަތް ހަލުވިކުރުން" މިއެވެ. ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ ޖޫން މަހުގެ 8 ވަނަ ދުވަހެވެ.