އެމްޑަބްލިޔުއެސްސީގެ ގޯތިތެރޭ ހުރި ނަރުތަކެއް ވަގަށް ނަގަން އުޅުނުކަމުގެ ތުހުމަތުގައި މީހަކު ހައްޔަރު ކޮށްފިއެވެ.

މި މައްސަލަ އާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ ރ.ރަސްގެތީމު، އޯކިޑްވިލާ، މުހައްމަދު ޖިނާހު (38އ) އެވެ.

މި މައްސަލައިގައި އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ތަހުގީގު ނިމެންދެން 5 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.

މުހައްމަދު ޖިނާހުގެ ބަންދުކުރުމަށް ނެރުނު އަމުރުގައި ބުނެފައިވަނީ ފުލުހުން ސީނަށް ދިޔަ ހާދިސާ ރިޕޯޓު ކޯޓަށް ހުށަހަޅާފައިވާއިރު، އެ ރިޕޯޓުގައި ބުނާގޮތުން އެމްޑަބްލިޔުއެސްސީގެ ގޯތިތެރޭ ހުރި ނަރުތައް ވަގަށް ނަގަން އޭނާ އުޅުނުކަމުގެ ކޮންމެވެސް މިންވަރެއްގެ ތުހުމަތެއް އޭނާގެ މައްޗަށް ކުރެވޭކަމަށެވެ. އަދި އޭނާއަކީ މި ފަދަ ކުށްތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށްވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.

ފަހަކަށް އައިސް މާލެ ސަރަހައްދުގައި ވައްކަމާ، ފޭރުމުގެ މައްސަލަ އިތުރުވަމުން އަންނައިރު މިފަދަ މައްސަލަތަކުގައި ހައްޔަރުކުރެވޭ މީހުންނަށް އެކަށީގެންވާ އަދަބު ނުދެވޭކަމުގެ ޝަކުވާތައް ގިނައެވެ.