ދަސްވެނިކަމަކީ ހަމައެކަނި ސަނަދެއް ނޫންކަމަށާއި އެއީ އެކިކަންކަމުގައި ތިމާގެ ގާބިލުކަން އިތުރުކުރުން ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.

ސާޖިދާ މިފަދައިން ވިދާޅުވީ މިއަދު ހެނދުނު ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވާސިޓީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި އެ ޔުނިވަރސިޓީގެ 2024 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުންނެވެ.

ސާޖިދާ ވިދާޅުވީ ޔުނިވާސިޓީގައި ކިޔަވަމުންދާއިރު މީހުންނާ ގުޅިގެން އުޅުމާއި މުއާމަލާތު ކުރުމުގެ ގާބިލުކަމާއި ކަންކަން ވަޒަންކޮށް ފާޑުކިޔުމުގެ ގާބިލުކަމާއި ކަންކަމަށް އާ ބަދަލުތައް ގެނެސް އުފެއްދުންތެރިކަން ކުރިއަށް ނެރުމުގެ ގާބިލުކަންފަދަ ކަންކަން އަށަގެންނެވުމަށް ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭ ކަމަށެވެ. އަދި ޔުނިވާސިޓީން ދަސްވެނިވުމާއި ހަމައިން ކިޔެވުން ނިންމައިނުލައި އިލްމާއި ހުނަރު ތަރައްގީކުރުމަށް އަބަދުވެސް އަމިއްލައަށް މަސައްކަތްކުރަމުން ގެންދިއުމަށް ސާޖިދާ ވަނީ އެދިވަޑައިގެންފައެވެ.

ސާޖިދާ ވަނީ އިސްލާމީ ޔުނިވާސިޓީއަކީ ފަހުގެ ތާރީހުގައި ދިވެހި އިސްލާމީ މުޖުތަމައަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދިން ތާރީހީ ހިޔާވައްސެއްކަން ފާހަގަކުރައްވައި އެ ޔުނިވަރސިޓީގެ ފެށިގެންއައި ގޮތުގެ ތާރީހަށް އަލި އަޅުވާލައްވާފައެވެ.

އެ ހަފްލާ ޝަރަފްވެރިކޮށްދެއްވާ ސާޖިދާ ވަނީ ދަސްވެނިވި ބައެއް ދަރިވަރުނަށް ސަނަދު ހަވާލުކޮށްދެއްވާފައެވެ.