ރަހީންކުރި މައްސަލައަކާ ގުޅިގެން ދެމަފިރިން ހައްޔަރުކޮށް ބަންދުކޮށްފިއެވެ.
އެ މައްސަލާގައި ފ. ނިލަންދޫ އުމުރުން 40 އަހަރުގެ ފިރިހެނަކާއި ހަމަ އެ ރަށު 39 އަހަރުގެ އަންހެނަކު ހައްޔަރުކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ. އަދި ފިރިހެން މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވާއިރު އަންހެން މީހާގެ ބަންދަށް ޖަހާފައިވަނީ 10 ދުވަހެވެ.
ފިރިހެން މީހާއާއި އަންހެން މީހާ ބަންދު ކޮށްފައިވަނީ ރަހީނުކުރުމާއި ބްލެކްމެއިލް ކުރުމާއި ފޭރުމުގެ މައްސަލާގައެވެ. އެހެންނަމަވެސް އަންހެން މީހާގެ ބަންދުގެ މުއްދަތު ހަމަވެގެން އިއްޔެ 15 ދުވަހުގެ މުއްދަތެއް ޖަހާފައިވަނީ ބިރުދެއްކުމާއި ހުއްދަނޫން ގޮތުގައި މީހުން ހިފެހެއްޓުމާޢި އޮރިޔާންކާޑް އުފެއްދުމާއި ފޭރުމުގެ މައްސަލާގައެވެ.
އެ ދެ މީހުންގެ ކޯޓު އަމުރުގައި ބުނެފައިވަނީ ތުހުމަތެއް ވުޖޫދުވާ މިންވަރަށް ހެކި ގަރީނާ ހުށަހެޅިފައިވާ ކަމަށް ބެލެވޭ ކަމަށާއި އެގޮތުން ސީސީޓީވީ ފުޓޭޖް ސްނެޕްސޮޓްތަކާއި އަނިޔާ ލިބުނު ފަރާތުގެ ބަޔާނާއި އިތުރު ހެކި ގަރީނާ ހުށަހަޅާފައިވާ ކަމަށެވެ. އަދި ކޯޓު އަމުރުގައި ބުނެފައިވަނީ އެ ފިރިހެން މީހާގެ ކުށުގެ ރެކޯޑް އޮތް ފަރާތެއް ކަމަށެވެ.
އެ އަމުރުގައި ބުނެފައިވަނީ އެ ރަހީނުކުރިކުރުމުގެ ހާދިސާ ހިނގި ތަނުގައި ލަކުޑި ބުރިތަކާއި ދަނޑިބުރިތަކެއް ހުރިކަމަށްވެސް މި މައްސަލައިގެ ހާދިސާ ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަމަށާއި ތުހުމަތުކުރެވިފައިވާ ކުށަކީ ޖަމާއަތް ހަދައިގެން ހިނގައިފައިވާ އަމަލެއް ކަމަށް ހުށަހެޅިފައިވާ ލިޔެކިޔެންތަކުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އެ މައްސަލާގައި އިތުރަށް ކުރާންހުރި ކަންކަމުގެ މައްޗަށާއި މި މައްސަލައިގެ ޒާތާއި ބާވަތަށާއި ކަންހިނގާފައިވާ ގޮތަށް ބަލައި މި ވަގުތު މީނާ ބަންދުން ދޫކޮށްލާއިފިނަމަ މައްސަލާގައި ލިބެން ހުރި ހެކިތަކަށް ބާރު ފޯރުވުމުގެ އަދި ނުފޫޒު ފޯރުވުމުގެ އިހްތިމާލު އޮތް ކަމަށް ވެސް ކޯޓު އަމުރުގައި ވަނީ ބުނެފައެވެ.