މާލޭގެ ރަށްދެބައި މަގަށް ކުނި އެޅި ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މިއަދު 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި އާދަމް އާޒިމް ވިދާޅުވީ މަގުމައްޗަށް ކުނި އެޅި ބަޔަކު ހޯދުމުގެ މަސައްކަތް ފުލުހުންނާ ގުޅިގެން ކުރަމުން އަންނަކަމަށެވެ.
މީގެ އިތުރުން އާދަމް އާޒިމް ވިދާޅުވީ މާލެއަކީ ރީތި، ފެހި، އަމާން އަދި ސާފު ސިޓީއަކަށް ހެދުމަށް ކައުންސިލާ ވެމްކޯ ގުޅިގެން ކުރާ މަސައްކަތް އެއްވެސް ފޫހުކަމެއް ނެތި ގަދަ ހިތްވަރާއެކު ކުރިއަށް ގެންދާނެކަމަށެެވެ. "މާތް ﷲ ގެ ހެޔޮ ރަހުމަތުން މާލެ ސިޓީ ރައްޔިތުންނަށް ސާފު އަމާން މާލެއެއް ލިބޭނެ" އާދަމް އާޒިމް ވިދާޅުވިއެވެ.
މާލެ މަގުމައްޗަށް ކުނި އެޅުމުގެ މައްސަލަ އިތުރުވުމާއި ގުޅިގެން މިހާރު މާލެސިޓީގެ މަގުމައްޗަށް ކުނި އަޅާ މީހުން ހޯދާ ޖޫރިމަނާ ކުރުމުގެ މަސައްކަތްވެސް ކައުންސިލުން އަންނަނީ ކުރަމުންނެވެ. އެ ގޮތުން ގަވާއިދާ ހިލާފަށް މަގުމައްޗަށް ކުނި އަޅާ މީހުން 500 ރުފިޔާއިން ޖޫރިމަނާކުރަމުން އަންނައިރު މާލެ ސިޓީ ކައުންސިލުން ވަނީ ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމުން އެންމެނަށް ވެސް އެކަމުގެ ހިތްހަމަޖެހުން ލިބޭނެ ކަމަށާއި އަދި މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށް އިލްތިމާސްކޮށްފައެވެ.