ނިމިދިޔަ 19 ވަނަ މަޖިލީހުން ރުހުން ނުލިބުނު ތިން ވަޒީރުންނަށް ރުހުން ދޭން ފެންނަ ކަމަށް، ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމައިފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އައްޔަންކުރެއްވި 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދޭން، 19 ވަނަ މަޖިލީހުން އޭރު ނިންމިއެވެ. އެ ތިން ވަޒީރުންނަކީ:
- ބަންޑާރަނައިބު އަހްމަދު އުޝާމް
- އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
- ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު
މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު އޭރުގެ މަޖިލީހުން ތިން ބޭފުޅުންނަށް ރުހުންނުދިން ނަމަވެސް، ރައީސް ވަނީ އެ ދުވަހު އެ ތިން ބޭފުޅުން ވެސް ހަމަ އެ މަގާމުތަކަށް އައްޔަންކުރައްވައިފައެވެ. އަދި ރުހުން ހޯދުމަށް އަލުން ވަނީ ފޮނުއްވައިފައެވެ.
މިދިޔަ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި އާ މަޖިލީހުގެ ރިޔާސަތުން ވަނީ ތިން ވަޒީރުންގެ ނަން އަލުން ކޮމިޓީއަށް ފޮނުވައިފައެވެ. އެހެންވެ މިރޭ ބޭއްވި ބައްދަލުވުމުގައި ކޮމިޓީން ނިންމީ ތިން ވަޒީރުންގެ ވެސް ޝަރުތުތައް ހަމަވާ ކަމަށާއި މައްސަލައެއް ނެތް ކަމަށެވެ. ރުހުން ދޭން ފެންނަ ކަމަށް ވޯޓު ދެއްވީ ހާޒިރުވި ނުވަ މެންބަރުންގެ ތެރެއިން ހަތް މެންބަރުންނެވެ. ނުފެންނަ ކަމަށް އިދިކޮޅުގެ މެންބަރަކު ވޯޓު ދެއްވިއެވެ.