އއ. ތޮއްޑޫ ކައުންސިލް އިދާރާގެ ކުރިމަތީގައި މިއަދު ކުރި މުޒާހަރާއަކީ އެ ރަށުގެ ދަނޑުބިން ދޫކުރާ އުސޫލަށް ގެނައި ބަދަލާ ގުޅިގެން ބައެއް ދަނޑުވެރިން ހިތްހަމަނުޖެހުން ފާޅުކޮށް ކުރި މުޒާހަރާއެއް ކަމަށް، ކައުންސިލުން ބުނެފިއެވެ.
ތޮއްޑޫ ކައުންސިލްގެ ރައީސް އަހްމަދު ކަރަމް ވިދާޅުވީ، ކައުންސިލުން ރައްޔިތުންނާ އެކު ބޭއްވި ބައްދަލުވުމުގައި ލޭންޑް ޔޫޒް ޕްލޭނާއި، ދަނޑުވެރިކަމަށް ދޫކުރާ ބިންތަކުގެ ތެރެއިން ބިމެއް، 15 އަހަރުގެ މުއްދަތަށް ދޫކުރަން ފާސްކުރި ކަމަށެވެ.
އޭނާ ވިދާޅުވީ، މަގްސަދަކަށްވީ ތޮއްޑޫގެ ދަނޑުވެރިކަން ރައްކާތެރި އަދި ޓެކްނޮލޮޖީގެ ބޭނުންކޮށްގެން ކުރެވޭ، ޒަމާނީ ދަނޑުވެރިކަމަކަށް ބަދަލުކުރުން ކަމަށާއި، އެކަމަށްޓަކައި މާހިރުންގެ ލަފާ ހޯދުމުން، ދަނޑުބިންތައް ދޫކުރާ މުއްދަތު އިތުރުކޮށް، ދަނޑުތަކަށް ފެނާއި ކަރަންޓު ލިބޭނެ ގޮތް ހެދުމަށް ލަފާދިން ކަމަށެވެ.
"އެ ހުރިހާ މަރުހަލާއެއް ނިމިފަ އޮއްވާ ބިން ދޫކުރާ ހިސާބަށް ދިޔަ ތަނުން ރަށުތެރޭގެ މަދުބަޔަކު ނުކުމެ މުޒާހަރާކޮށް ޑިމާންޑުކުރަނީ، އަލުން ވޯޓަކަށް ދާން އެ މީހުން ބޭނުމެއް ނުވެޔޭ ދިގު މުއްދަތަކަށް،" ކަރަމް ވިދާޅުވިއެވެ.
މިއަދު މީޑިއާ އާ ފުރަތަމަ ހިއްސާކުރި މައުލޫމާތުގައި ފުލުހުން ބުނީ މިއަދު މެންދުރު 1 ޖަހާކަން ހާއިރު، ތޮއްޑޫ ކައުންސިލް އޮފީހުގެ ކުރިމަތީގައި މުޒާހަރާކޮށް، އާންމު މަސްލަހަތު ނަގާލުމަށް ބަޔަކު މަސައްކަތްކުރަމުން ދިއުމާ ގުޅިގެން އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަމުންދިޔަ ކަމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން ދިޔަ ފުލުހަކަށް އަނިޔާވެ، ފުލުހަށް ފަރުވާދެމުން ދާ ކަމަށެވެ. މިހާރު އޭނާ ދޫކޮށްލާފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
ހަމަ އެހެންމެ މުޒާހަރާކުރި މީހުން ސަރަހައްދު ދޫކޮށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
"މުޒާހަރާކުރި މީހުންގެ ތެރެއިން ބައެއް މީހުން ކައުންސިލު އިދާރާއަށް ގައު އުކުމުގެ ސަބަބުން އެ އިދާރާގެ ބިއްލޫރިތައް ތެޅި ބައެއް ތަކެއްޗަށް ގެއްލުންވެފައިވޭ،"
މި މައްސަލަ ތަހްގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.