ގާޒާގައި އިޒްރޭލުން ހަނގުރާމައިގެ ޖަރީމާ ހިންގާ ކަމަށް ކަނޑައެޅުމުގެ އިތުރުން ރަފާގައި ކުރިއަށް ގެންދާ އުދުވާން ވަގުތުން ހުއްޓާލަން ބުނެ ޖިނާއީ ކޯޓުން ހުކުމެއް ނެރެފައިވާ އިރު އެމެރިކާއިން އެ ކޯޓަށް ބިރުދެއްކުމަށް ގާނޫނެއް ފާސްކޮށްފިއެވެ.
ގާނޫނު ހަދާ މަޖިލީހުގެ ދަށުގެ [ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް] ގައި ހިމެނޭ 247 މެންބަރުންގެ ތެރެއިން 155 މެންބަރުންގެ ވޯޓާއެކު ކޯޓްކައުންޓާ އެކްޝަންގެ ނަމުގައި ފާސްކުރި ބިލް ގާނޫނަކަށް ވާނީ މަތިގެ 'ސެނޭޓު' އިން ފާސް ވުމުންނެވެ.
ގާނޫނު ހަދާ މަޖިލީހުގެ ދަށުގޭގައި ހިމެނޭ މެންބަރުންގެ ތެރޭގައި އިޒްރޭލަށް ބޮޑު ތާއީދަކާއި ތަރުހީބެއް ދޭ މެންބަރުން ހިމެނުމަކީ މިފަދަ ބިލެއް ފާސްވި ސަބަބު ނަމަވެސް ސެނޭޓުން ބިލް ފާސްވާނެ ކަމަށް ނުބެލޭކަމުގައި މުރާސިލުން ބުނެއެވެ.
މި ބިލުގައި, ނަތަންޔާހޫ އާއި ޑިފެންސް މިނިސްޓަރު ޔީވް ގަލަންޓް ހައްޔަރު ކުރުމުގެ އަމުރަކަށް ލޯޔަރުން އެދިފައިވާ އިރު އެކަމުގައި އެހީތެރިވި އެ ކޯޓުގެ އޮފިޝަލުންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން ބުނެފައި ވެއެވެ. އަދި އެ އޮފިޝަލުން އެމެރިކާއަށް އެރުވުން މަނާ ކުރުމާއެކު އެމެރިކާގެ މަސްލަހަތު އޮތް އެއްވެސް ތަނަކަށް ފައިސާގެ މުއާމަލާތެއް ކުރުންވެސް މަނާވާނެ ކަމަށް ބުނެފައި ވެއެވެ.
ނަތަންޔާހޫ ހައްޔަރު ކުރުމުގެ އަމުރަކަށް ލޯޔަރުން އެ ކޯޓުގައި އެދިފައިވާ މައްސަލައިގައި އެމެރިކާގެ ރައީސ ޖޯ ބައިޑަންވެސް ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. އަދި އެމެރިކާގެ އޮފިޝަލުން ބުނެފައި ވަނީ އެމީހުން ގަބޫލު ކުރާ ގޮތުގައި އިޒްރޭލުން ގާޒާގައި ހަނގުރާމައިގެ ޖަރީމާއެއް އަދި ނުހިންގައެވެ.
ނަމަވެސް އަލްޖަޒީރާ, ބީބީސީ, ސީއެންއެން ފަދަ ބައިނަލްއަގުވާމީ މީޑިއާ އިދާރާތަކުގެ އިންވެސްޓިގޭޓިވް ޓީމުތަކުންނާއި މިނިވަން މުސްތަގިއްލު ޓީމުތަކުން އެއްކޮށް ހާމަކޮށްފައި ވާ ތަހުގީގީ މައުލުމާތަށް ބަލާއިރު ގަސްދުގައި މީހުންނަށް ހަމަލާދީ މަރާ, އަދި އެމީހުން ވަޅުލައި, ފަސް އަޅާ ފޮރުވުމާއި ކާންބޯން ނުދީ ހިދުމަތްތަކުން މަހުރޫމުން ކުރުވުން ފަދަ ކިތަންމެ ޖަރީމާއެއް ހިންގާފައިވެއެވެ. އަދި މަރާ މީހުން ވަޅުލައިފައިވާ 10 ގަބުރުސްތާނެއް ގާޒާގެ އެކިއެކި ސަރަހައްދުތަކުން ފެނިފައިވާ އިރު މިއީ އިންސާނީ ހައްގުތަކާވެސް ހިލާފު އަދި ހަނގުރާމައިގެ ޖަރީމާ ކަމުގައި މުރާސިލުން ބުނެފައި ވެއެވެ.
އެމެރިކާއިން އިޒްރޭލުގެ ހިމާޔަތުގައި އެކިއެކި ފިޔަވަޅުތައް އަޅަމުން ދާ އިރު ރާއްޖެއިން އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރި މައްސަލައިގައި ރާއްޖެއަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން މަޖިލީހަށް ހުށަހަޅަން ވެސް ރިޕާބްލިކަން ޕާޓީގެ މެންބަރަކު އެބަ މަސައްކަތް ކުރެއެވެ.