2019 ގެ އިންތިހާބާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި ވާދަކުރި މުސްލިމް ކެންޑިޑޭޓުންގެ 78 މީހުންގެ ތެރެއިން 15 މީހަކު ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ގޮނޑި ކާމިޔާބު ކޮށްފައެވެ.
2019 ގައި ގާނޫނު ހަދާ މަޖިލީހަށް މުސްލިމް ކެންޑިޑޭޓުންގެ 119 މީހުން ކުރިމަތިލިއެވެ. ހޮވުނީ 24 މީހުންނެވެ.
މިފަހަރުގެ އިންތިހާބުގައި އަދަދު ދަށް ވި އިރު މިއީ މުސްލިމުންނާ ދެކޮޅަށް އިންޑިއާގައި އުފަން ކުރި ތަސައްވުރުގެ ނަތީޖާ ކަމަށް ގިނަ ބަޔަކު ބުނާ އިރު އިންޑިއާގެ ތާރީހުގައި މުސްލިމް ކެންޑިޑޭޓުން އެންމެ ގިނަ އަދަދަކަށް ހޮވުނީ 1980 ގައެވެ. އެފަހަރު 49 މީހުން ތިބި އިރު 2014 ގައި އަދަދު 22 އަށް ވެއްޓުނެވެ.
2019 ގައި 24 ތިބި އިރު ނިމިދިޔަ އިންތިހާބުގައި ވެސް 24 މީހަކު ގޮނޑި ކާމިޔާބު ކުރާނެ ކަމަށް މީގެ ކުރިން އޮތީ ބެލެވިފައެވެ.
މިފަހަރު ގޮނޑި ކާމިޔާބު ކުރި މުސްލިމް ކެންޑިޑޭޓުންގެ ތެރޭގައި ބަހާރަމްޕޫރު ތަމްސީލު ކުރަމުން އައި ހިންދޫ އެމްޕީ ބަލިކޮށް, ކުރީގެ މަޝްހޫރު ކުރިކެޓް ކުޅުންތެރިޔާ ޔޫސުފު ޕަތާން ހިމެނެއެވެ. އަދި ކޮންގްރެސް ޕާޓީގެ ފަރާތުން ސަހާރަންޕޫރަށް ވާދަކުރި އިމްރާން މަސްއޫދުވެސް ވަނީ ގޮނޑި ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން ސަމާޖުވާ ޕާޓީން ކައިރާނާ އަށް ވާދަކުރި އުމުރުން 29 އަހަރުގެ އިގްރާ ޗައުދަރީވެސް ގޮނޑި ކާމިޔާބު ކުރިއެވެ.
ކެމްޕެއިންގެ ތެރޭގައި ބީޖޭޕީގެ ފަރާތުން މުސްލިމުންނާ ގުޅުވައި އުފަން ކުރުވި ތަސައްވުރު ނުވަތަ ތަރުޖަމާގެ ސަބަބުން މުސްލިމް ކެންޑިޑޭޓުންނަށް ޓިކެޓް ދޭން ބައެއް ޕާޓީތަކުން މި އިންތިހާބުގައި ފަސް ޖެހުމެވެ. ބީޖޭޕީގެ އެކިއެކި އޮފިޝަލުން އުފަން ކުރަމުން ގެންދިޔަ ތަސައްވުރަކީ މުސްލިމުންނާއި 'ޖިހާދު' އާ ގުޅުވާ އުފަންކުރަމުން ގެންދިޔަ ތަސައްވުރެކެވެ.
6 ހަފްތާއަށް ދެމިގެން ދިޔަ އިންތިހާބުގެ ވޯޓުގެ ނަތީޖާ މިހާރު އިއުލާން ކޮށްފައި ވާ އިރު މޯދީގެ ކޯލިޝަނުން ވަނީ ސަރުކާރު އެކުލަވާލުމަށް ބޭނުންވާ 272 ގޮނޑި އަށް ވުރެ މަތިން ޖުމްލަ 293 ގޮނޑި މިހާރު ކަށަވަރު ކޮށްފައެވެ. އިދިކޮޅު ކޮންގްރެސް ހިމެނޭ 'އިންޑިއާ' ކޯލިޝަނަށް ލިބުނީ 234 ގޮނޑިއެވެ. އެހެނިހެން ޕާޓީތަކުން 16 ގޮނޑި ހޯދާފައި ވެއެވެ.